އައިޖީއެމްއެޗް

ޕެޕަރ ސްޕްރޭގެ ސަބަބުން ހާޓް އެޓޭކެއް ނުޖެހޭނެ: އައިޖީއެމްއެޗް

އާއިޝަތު އަނާ ރަޝީދު
 
3 ދުވަސް ކުރިން

ޕެޕާ ސްޕްރޭ ޖެހުމުން ވަގުތީ ދަތިތަކެއް ކުރިމަތިވި ކަމުގައިވީ ނަމަވެސް، އެކަމުގެ ސަބަބުން ހާޓް އެޓޭކެއް ޖެހިދާނެ ކަމަކަށް ނުބެލެވޭ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އެމްޑީޕީން ރޭ މާލޭގައި ބޭއްވި "ލޫޓުވައިފި، ލޫޓުވައިފި" އެއްވުމުގައި އެ ޕާޓީގެ ހުޅުމާލެ މެދު ދާއިރާގެ ނައިބު ރައީސް ރަސްލާން ހާޓް އެޓޭކް ޖެހިގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާތީ، އެ ހޮސްޕިޓަލުން މިރޭ ވަނީ ޚާއްސަ ބަޔާނެއް ނެރެފައެވެ. މި ވަގުތު ރަސްލާން ވަނީ ސީސީޔޫގައި އެނދުމަތިކުރެވިފައި ކަމަށާއި، އޭނާގެ ހާލު ރަނގަޅުވަމުންދާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.

ހާޓް އެޓޭކް ޖެހެނީ ހިތުގެ ލޭހޮޅިތައް ބެދުމުގެ ސަބަބުން ހިތަށް ލޭ ފޯރުކޮށްދިނުމަށް ދަތިވުމުން ކަމަށާއި، މިފަދަ ހާލަތްތައް މެދުވެރިވަނީ ގިނަފަހަރު ކުރިން ހުންނަ ސިއްހީ މައްސަލަތަކާ ގުޅިގެން ކަމަށް އައިޖީއެމްއެޗުން ވަނީ ފާހަގަކޮށްފައެވެ. ޕެޕާ ސްޕްރޭގެ ސަބަބުން ނޭވާލުމަށް ދަތިވެ، ކެއްސުން ފަދަ ކަންކަން ދިމާވި ނަމަވެސް، އެއީ ސީދާ ހާޓް އެޓޭކް ޖެހުމަށް މެދުވެރިވާނެ ސަބަބެއް ނޫން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެހެންނަމަވެސް، އެމްޑީޕީގެ ގާނޫނީ ވަކީލެއްގެ ފަރާތުން 'ސަން' އަށް މައުލޫމާތު ދެއްވިގޮތުގައި، ރަސްލާން ހޮސްޕިޓަލަށް ގެންދަން ޖެހުނީ މުޒާހަރާގައި ފުލުހުން ޖެހި ޕެޕާ ސްޕްރޭގެ ސަބަބުން ހާސްވެގެންނެވެ. އެމްޑީޕީން ފުލުހުންގެ ބާރުގެ ބޭނުންކުރުމާމެދު ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ފުލުހުން ބުނެފައިވަނީ އެމީހުންގެ އަމަލުތައް ބިނާކޮށްފައިވަނީ ޕްރޮފެޝަނަލް އަދި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.