އެއްވުން ރޫޅާލުމަށް ފުލުހުން އެލްއާރްއޭޑީ (ބާރުގަދަ އަޑު ފޮނުވާ އާލާތް) ބޭނުންކުރި ކަމާމެދު ގިނަ ބަޔަކު ފާޑުކިޔަމުންދާ ދަނޑިވަޅެއްގައި، ފުލުހުންގެ އަމަލުތައް ހުރީ ޒިންމާދާރު ގޮތެއްގައި ކަމަށް ބަޔާންކޮށް ސަރުކާރުން މިއަދު އިނގިރޭސި ބަހުން ބަޔާނެއް ނެރެފިއެވެ.
އިއްޔެ ރޭ އެމްޑީޕީން ބޭއްވި މުޒާހަރާގެ ބައިވެރިން މަޖީދީމަގުން ދަތުރުކުރަން އުޅުމުން، ފުލުހުން ވަނީ ކަރުނަގޭހާއި އެލްއާރްއޭޑީ ބޭނުންކޮށްގެން އެއްވުން ރޫޅާލާފައެވެ. ސަރުކާރުގެ ބަޔާނުގައި ވާގޮތުން، ސުލްހަވެރި އެއްވުންތަކަށް ފުރުސަތު ދެމުންދާ ކަމަށާއި، ނަމަވެސް އެފަދަ އެއްވުންތައް ބާއްވަންވާނީ ގާނޫނީ އިމުގެ ތެރެއިންނެވެ.
އޮކްޓޫބަރު 1 ގައި ފުލުހުން ވަނީ މުޒާހަރާގެ ވަކި މަގެއް ކަނޑައަޅައި، އެކަމާ ގުޅޭ އިރުޝާދު ދީފައިވާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް މުޒާހަރާގެ ބައިވެރިން މާލޭގެ މައި މަގުކަމުގައިވާ މަޖީދީމަގުން ދަތުރުކުރަން އުޅުނުކަން ސަރުކާރުން ވަނީ ކުށްވެރިކޮށްފައެވެ.
އެލްއާރްއޭޑީ ބޭނުންކުރުމުގެ ސަބަބުން ގިނަ ބައެއްގެ އިވުމުގެ ހިއްސަށް ގެއްލުން ލިބުނު ކަމަށާއި، އަދި އެއީ ރާއްޖޭގައި ބޭނުންކުރުން މަނާ އެއްޗެއް ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. އަދި ފުލުހުންގެ އަމަލުތަކުގެ ސަބަބުން އެ ޕާޓީގެ ހުޅުމާލޭ މެދު ދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާނަށް ހާޓް އެޓޭކެއް ޖެހި، މިހާރު ވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މުޒާހަރާއިން 13 މީހުން ހައްޔަރުކުރެވުނު ކަމަށް އެމްޑީޕީން ބުނާއިރު، އެ މީހުންގެ މައުލޫމާތު ފުލުހުން ހާމަނުކުރާ ކަމަށާއި، ހައްޔަރުކުރެވުނު ފަރާތްތަކަށް ގާނޫނީ ވަކީލުންގެ އެހީތެރިކަން ނުލިބޭ ކަމުގެ ކަންބޮޑުވުން އެ ޕާޓީން ވަނީ ފާޅުކޮށްފައެވެ.