ރައީސް މުއިއްޒު އަދި ސްރީ ލަންކާގެ ސަފީރު - -

އިގްތިސާދީ އަދި ވިޔަފާރީގެ ކަންކަން ހަރުދަނާކުރުމަށް ސްރީލަންކާ އަދި ބަންގްލަދޭޝްއެކު މަޝްވަރާކޮށްފި

އާއިޝަތު އަނާ ރަޝީދު
 
2 ދުވަސް ކުރިން

އަވައްޓެރި ސްރީލަންކާ އަދި ބަންގްލަދޭޝްގެ އައު ސަފީރުންނާ ބައްދަލުކުރައްވައި، އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. 

މި ބައްދަލުވުންތައް ބޭއްވުނީ ސްރީލަންކާގެ ސަފީރު މުޙައްމަދު ރިޒްވީ ޙަސަން އަދި ބަންގްލަދޭޝްގެ ސަފީރު ޑރ. އެމްޑީ ނަޒްމުލް އިސްލާމް، އެމަނިކުފާނަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހުގައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވުނު ވަކިވަކި ބައްދަލުވުންތަކުގައި، ދެ ޤައުމުގެ ރައްޔިތުންނާ ދިވެހިންނާ ދެމެދު އޮންނަ ގާތް ގުޅުމަށް އަލިއަޅުވާލެވުނެވެ. ސްރީލަންކާގެ ސަފީރާއެކު ބޭއްވުނު މަޝްވަރާގައި ވިޔަފާރިއާއި މޫސުމީ ބަދަލުތަކާ ގުޅޭ ކަންކަމަށް އިސްކަންދެވުނު އިރު، ބަންގްލަދޭޝްގެ ސަފީރާއެކު ދަނޑުވެރިކަމާއި، ވިޔަފާރި، މަތީ ތަޢުލީމު އަދި އިންވެސްޓްމަންޓްގެ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

ދިވެހިރާއްޖެއިން ސްރީލަންކާއާއެކު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހުއެވެ. އަދި ބަންގްލަދޭޝްއާއެކު މި ގުޅުން ޤާއިމުކުރެވުނީ 1978 ވަނަ އަހަރުގެ ސެޕްޓެންބަރު 22 ވަނަ ދުވަހުއެވެ.