މެޑަމް ސާޖިދާއާއި ދެކޮޅަށް މަންދީ ހުށަހެޅި މައްސަލަ ބޭރުކޮށްފި

އާއިޝަތު އަނާ ރަޝީދު
 
12 ދުވަސް ކުރިން

އެމްޑީޕީގެ އިސް އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ)ގެ މައްޗަށް ސިވިލް ކޯޓުން ކުރިން ނިންމި ނިންމުމެއް ރިވިއުކޮށްދިނުމަށް މަންދީގެ ފަރާތުން ހުށަހެޅި މައްސަލަ، މިއަދު އެ ކޯޓުން ބާތިލުކޮށްފިއެވެ. 

މައްސަލަ ބާތިލުކުރީ، ރައީސްގެ ދަރިކަލުންގެ ކަރާމާތަށް އަރައިގަތް ކަމަށް ކުރިން ކޯޓުން ނިންމާފައިވާ އެ ނިންމުން ރިވިއުކޮށްދިނުމަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމަށް މަންދީގެ ވަކީލުން ހާޒިރުނުވުމާ ގުޅިގެންނެވެ.


މިއީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން، ރައީސްގެ ދަރިކަލުންގެ ޝަރަފަށް ގެއްލުންދިން ކަމަށް މަންދީގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުން ނިންމި ނިންމުން އަލުން ބަލައިދިނުމަށް މަންދީ ހުށަހެޅި މައްސަލައެކެވެ.


މި މައްސަލަ، ސިވިލް ކޯޓުގެ ގާޒީ އާދަމް ޒާލިފު ބާތިލުކުރެއްވީ، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކުރައްވާފައިވާ ގޮތަށް، މަންދީގެ ފަރާތުން އައްޔަންކުރި ވަކީލުން މިއަދުގެ އަޑުއެހުމަށް ނާންނަވައި، އަދި ހާޒިރުނުވުމުގެ އެއްވެސް މަގުބޫލު ސަބަބެއް ކޯޓަށް ހުށަހަޅާފައިނުވާތީއެވެ.


މިދިޔަ ޖުލައި މަހު ނިމުނު މައި މައްސަލައިގެ އަސްލަކީ، އެމްޑީޕީން މިދިޔަ މާޗު މަހު ކުރިއަށްގެންދިޔަ ސިލްސިލާ މުޒާހަރާތަކުގެ ތެރޭގައި މަންދީ ދެއްކެވި ވާހަކަތަކެކެވެ. އޭނާ ތުހުމަތުކުރައްވާފައިވަނީ، ރާއްޖޭގައި މިދިޔަ އަހަރު ވޭޕްކުރުން މަނާކުރީ، ރައީސްގެ ދަރިކަލުން ވޭޕްކުރައްވާތީ ކަމަށެވެ.


މި ތުހުމަތާ ގުޅިގެން ރައީސްގެ އަނބިކަނބަލުން ސާޖިދާ ދައުވާ ކުރެއްވިއިރު، އެ މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ މަންދީގެ ވާހަކަތަކުގެ ސަބަބުން ދަރިކަލުންގެ ޝަރަފާއި ކަރާމާތަށް ގެއްލުންވިކަން ސާބިތުވާ ކަމަށެވެ.