ސިންގަލް ޔޫސް ޕްލާސްޓިކްގެ ބަދަލުގައި ބޭނުންކުރެވޭ ތަކެތީގެ ދިރާސާކުރާނެ ފަރާތެއް ހޯދަނީ

އާއިޝަތު އަނާ ރަޝީދު
 
12 ދުވަސް ކުރިން

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް (ސިންގަލް ޔޫޒް ޕްލާސްޓިކް) ގެ ބަދަލުގައި ބޭނުންކުރެވޭނެ ތަކެތި ދެނެގަތުމަށް ދިރާސާއެއް ހަދާނެ ފަރާތެއް ހޯދުމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން އިއްޔެ އިޢުލާންކޮށްފިއެވެ،   

މިނިސްޓްރީން އިއްޔެ ކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ދިރާސާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެމީހުންގެ ހުށަހެޅުންތައް އަންނަ މަހުގެ ތިމާވެއްޓާ ބެހޭ ވުޒާރާއިން އިއްޔެ ވަނީ އިޢުލާނެއްކޮށް، 12 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ދަރުބާރުގޭގައި ހުންނަ މިނިސްޓްރީގެ އޮފީހަށް ހުށަހަޅަން ޖެހޭނެއެވެ.

އިޢުލާނުގައި އިތުރަށް ބުނެފައިވާ ގޮތުން، ހުށަހެޅުންތައް ހުޅުވުން އޮންނާނީ ހަމަ އެދުވަހުގެ 10:05 ގައި، ހާޒިރުވެފައިވާ ފަރާތްތަކުގެ ކުރިމަތީގައެވެ.

މީގެ އިތުރުން، ޕްލާސްޓިކުގެ ނޭދެވޭ އަސަރުތަކާ މެދު ދަރިވަރުން ހޭލުންތެރިކުރުވުމަށް މުދައްރިސުންނަށް ޚާއްސަ އަތްމަތީ ފޮތެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށާއި، ސިންގަލް ޔޫޒް ޕްލާސްޓިކް ނައްތާލުމުގެ ޕްލޭންތަކާއި ދެމެހެއްޓެނިވި ވިޔަފާރީގެ އުޞޫލުތައް (މޮޑެލްތައް) އެކުލަވާލާނެ ބަޔަކު ހޯދުމަށް ވެސް މިނިސްޓްރީން ވަނީ އިޢުލާނުކޮށްފައެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި، ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުން މަނާކުރެވޭ ސިންގަލް ޔޫޒް ޕްލާސްޓިކްގެ ލިސްޓެއް އެކުލަވާލެވުނުއިރު، މިހާތަނަށް 13 ބާވަތެއް ވަނީ މަނާކުރެވިފައެވެ. މި ލިސްޓުގެ އެންމެ ފަހު ބާވަތް ކަމަށްވާ ޕްލާސްޓިކް ކުދި ފެންފުޅި މަނާކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުން ފެށިގެންނެވެ.

މީގެ ދެ އަހަރު ކުރިން، 2023 ވަނަ އަހަރު އއ. އުކުޅަހުގައި ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، އޭރުގެ ރައީސް ޞާލިޙް ވިދާޅުވީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް އެއްގޮތަކަށްވެސް ބޭނުންނުކުރާ ޤައުމަކަށް ދިވެހިރާއްޖެ ހެދުމަކީ އެ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

އެގޮތުން، ކުރީ ސަރުކާރުން ވަނީ 2023 ވަނަ އަހަރުގެ ކުރިން ރާއްޖެއަކީ ޒީރޯ ޕްލާސްޓިކް ޤައުމަކަށް ހެދުމުގެ ޢަޒުމު ކަނޑައަޅާފައެވެ.