ބިންވެރިޔާ ސްކީމުގެ ދަށުން، ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންގެ ގޯތިތައް، މިހާރު ހިއްކާފައިވާ ސަރަހައްދުން ލިބޭ ގޮތަށް ބަދަލުކޮށް، އާ ލޭންޑް ޔޫސް ޕްލޭން އާންމުކޮށްފި އެވެ.
ގުޅިފަޅުން ހިއްކާފައިވާ ސަރަހައްދުންނާއި ނުހިއްކާ އޮތް ބައިން ވެސް މާލޭގެ ރައްޔިތުންނަށް ވަނީ ގޯތި ދޫކޮށްފައެވެ.
މި ސަރުކާރުން ވަނީ ގުޅިފަޅުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކަން ނިންމައި، އެތަނުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެސް ގުޅިފަޅުން 3،520 ގޯތި ދޫކުރަން ނިންމާފައިވެ އެވެ.
ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލު ޕްލޭނިން މިނިސްޓްރީން މިއަދު އާންމުކޮށްފައިވާއިރު، އެ ޕްލޭނުގައި ގޯތިތައް ދޫކުރާ ސަރަހައްދު ވަކިން ފާހަގަ ކޮށްފައިވެއެވެ.
މީގެ އިތުރުން ސަރުކާރު އޮފީސްތަކާއި އެކި ބޭނުންތަކަށް ހާއްސަކޮށްފައިވާ ޒޯނަކާއި ކޮމާޝަލް ޒޯނާއި ވިޔަފާރިތަކަށް ހާއްސަ ސަރަހައްދުތަކާއި ޓޫރިޒަމަށް ހާއްސަ ސަރަހައްދުތަކުގެ އިތުރުން ސްކޫލުތަކާއި މިސްކިތްތައް ވެސް ހިމެނެ އެވެ.