ގަތަރުގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށްވާ ޝޭހް ނާއިފް ބިން އީދު އަލް ތާނީގެ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކުންފުންޏާއި ދިވެހި ސަރުކާރާ ގުޅިގެން، 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީ ޒޯނެއް ރާއްޖޭގައި ގާއިމްކުރުމުގެ މަޝްރޫއު މިރޭ އިފްތިތާހުކޮށްފި އެވެ.
ކުރުނބާ މޯލްޑިވްސް ރިސޯޓުގައި މިރޭ ބޭއްވި ހަފްލާއެއްގައި މިކަމާ ގުޅޭ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. އެ އެއްބަސްބުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އެމްބީއެސްގެ ފަރާތުން ސޮއިކުރެއްވީ މަރުވާން އަލްހާޖެރީ އެވެ.
އެ ހަފްލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޝޭހް ނާއިފް ބިން އީދު އަލް ތާނީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްއައިއެފްސީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ޖުމްލަ 780،000 އަކަމީޓަރުގެ ސަރަހައްދެއްގައި ފަސް އަހަރުގެ ތެރޭގައި އެ ސެންޓަރު ގާއިމްކުރަން ނިންމާފައިވަނީ 6،500 އަށް ވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ގޮތަށެވެ. އެ ސެންޓަރަށް ދުވާލަކު، 35،000 މީހުން ޒިޔާރަތްކުރާނެ ކަމަށް ލަފާކޮށްފައިވެއެވެ.
މި މަޝްރޫއުގެ ދަށުން ތަރައްގީކުރާނެ ތަންތަން
- 3،500 މީހުންގެ ޖާގައިގެ އެންމެ ޒަމާނީ ކޮންފަރެންސް ސެންޓަރެއް
- މިސްކިތެއް
- އިންޓަނޭޝަނަލް ސްކޫލެއް ހިމެނޭ ގޮތަށް ފެންވަރު ރަނގަޅު ތައުލީމީ ވަސީލަތްތައް
- އޯޝަނޮގްރަފިކް މިއުޒިއަމެއް
- ދުނިޔޭގެ ފެންވަރުގެ ކުޅިވަރާ ބެހޭ ތަންތަން
- ދުޅަހެޔޮކަމުގެ އެންމެ ޒަމާނީ މަރުކަޒުތައް
- ބައިނަލްއަގުވާމީ ފެންވަރުގެ ކޮންފަރެންސްތަކާއި ހަރަކާތްތައް ބާއްވާނެ ތިން އޮފީސް ޓަވަރު
- މޫދު ކައިރީގައި ތަރައްގީކުރާ މަތީ ފެންވަރުގެ ގެތަކާއި ދުނިޔޭގެ ނަން މަޝްހޫރު ހޮޓާތައް
- މަތީ ފަންތީގެ ފިހާރަތައް
މާލީ ފްރީޒޯނެއްގެ ގޮތުގައި ގާއިމުކުރާ އެމްއައިއެފްސީގައި ކުންފުނިތަކުން ޓެކްސް ދައްކަންނުޖެހޭ ގޮތަށް، ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ވިޔަފާރީގެ މިލްކުވެރިކަން ލިބިގެންދާއިރު، ރެސިޑެންސީ ޝަރުތުތަކެއް ނުހިމެނެ އެވެ.
މި މަޝްރޫއު ފަރުމާކޮށްފައިވަނީ، ދުނިޔޭގެ ނަން މަޝްހޫރު އާކިޓެކްޓް ޖިއާނީ ރަނާއުލޯ އެވެ.
އެމްއައިއެފްސީން ބުނި ގޮތުގައި، މި މަޝްރޫއުގެ ސަބަބުން ފަސް އަހަރުގެ ތެރޭގައި އެއް ބިލިއަން ޑޮލަރަށް ވުރެ މަތިން އާމްދަނީ ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.