މަސް ގަންނަ އަގު 20 ރުފިޔާއަށް މަތިކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
މި ޔަޤީންކަން އެމަނިކުފާނު ދެއްވާފައިވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ކެއުޅުންނާއެކު ކުރިއަށްދިޔަ ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ކެއުޅުން ވިދާޅުވީ އެބޭފުޅުން މީގެ ކުރީގެ ބައްދަލުވުމުގައި ހުށަހެޅުއްވިކަންކަން ބަލައިގަނެ އެކަންކަން ކޮށްދެއްވަމުން ގެންދަވާތީ ވަރަށް އުފާކުރައްވާ ކަމަށެވެ. އަދި 48 ގަޑިއިރުތެރޭގައި މަހުގެ އަގު، މަސްވެރިންނަށް ދޭން ފެށުމުން އެ ދާއިރާއަށް ކުރިއެރުން އައިސް، ޒުވާނުން އެ ދާއިރާއަށް ވަންނަ މިންވަރު އިތުރުވަމުން އަންނަކަން އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި، ކެއުޅުންގެ ފަރާތުން އެންމެ ބޮޑަށް އެދިވަޑައިގެންނެވީ މި ސަރުކާރުގެ ވަޢުދާ އެއްގޮތަށް މަހުގެ އަގު 20 ރުފިޔާއަށް ބަދަލުކޮށްދެއްވުމަށެވެ. އަދި ފަސޭހަކަމާއެކު މިފްކޯއިން މަސްވެރިންނަށް ތެޔޮ ލިބޭނެ މަގު ފަހިކޮށްދެއްވުމަށާއި، މަސްކިރުމުގައި ޑިޖިޓަލް ކައްޓާ ބޭނުންކުރާގޮތަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން މަސް ކަނދުފަތި އިތުރު ކޮށްދެއްވުމަށާއި، މަސްކިރާ ލޮކޭޝަން އިތުރުކޮށްދެއްވައި، ދުވަހުން ދުވަހަށް ކިރާ މަހަށް އަގު ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް މަސް ގަންނަ އަގު 20 ރުފިޔާއަށް މަތިކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ދުވަހުން ދުވަހަށް މަހުގެ އަގު ދިނުމަށް މަސައްކަތްކުރައްވާ ކަމަށާއި، މަސްވެރިކަމުގެ މުޅި ސިނާޢަތް ޑިޖިޓަލައިޒް ކުރުމަކީ އަމާޒެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ބޭންކު ލޯން މިހާރު ފެށިފައިވާކަން ފާހަގަކުރައްވައި އެކަން އިތުރަށް ފަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި އައިސް ޕްލާންޓް އިތުރު ކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންގޮސް އެކަން ފުރިހަމަ ކުރައްވާނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން ރައީސް ވަނީ މިއަދުގެ ބައްދަލުވުމުގައި ކެއުޅުން ފާހަގަކުރެއްވި ކަންކަންވެސް ޙައްލުކުރުމަށް މަސްވެރިކަމުގެ ސިނާޢަތުގައި އުޅުއްވާ ބޭފުޅުންނާއި ގާތުން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.