އޮރެންޖު ހިޔާއަށް އެމްބީއެސް ބަދަލުކުރުމުގެ މަސައްކަތްކުރި ސިފައިންނާ ރައީސް ބައްދަލުކުރައްވައިފި

އައްޒަަމް އާދަމް
 
5 ދުވަސް ކުރިން

މޯލްޑިވްސް ބްލަޑް ސަރވިސަސް، "އޮރެންޖު ހިޔާ" އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ކުރި ސިފައިންނާ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައި ޝުކުރު އަދާކުރައްވައިފިއެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހުރިއްޔާ ވަނީ މާލޭގެ ދަމަނަވެށީގައި ހިންގާ ތެލެސީމިއާ ސެންޓަރު "އޮރެންޖު ހިޔާ" އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ސިފައިން ކޮށްދެއްވާފައިވާތީ، އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ފިލައެއް ދިވެހި ސިފައިންނަށް އަރުވާފައެވެ.

މި ރަސްމިއްޔާތުގައި، ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫންއާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ކޮމާންޑަރުންނާއި އެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިން ބައިވެރިވިއެވެ.

މާލޭގެ ދަމަނަވެށީގައި ހިންގާ ތެލެސީމިއާ ސެންޓަރު، ހުޅުމާލެ އޮރެންޖު ހިޔާއަށް ބަދަލުކުރުމަށް ރައީސް ނިންމެވީ ހުސްވި މާރިޗު މަހުގެ 23 ވަނަ ދުވަހުއެވެ. 

އެގޮތުން އެމަނިކުފާނު އެފަދައިން ނިންމެވީ ދަމަނަވެށީގައި ހިންގާ ސެންޓަރު ގިނަ ދުވަސްވެ ބައުވެ، އެތަނުގެ ޙާލަތު ދަށްވުމުގެ ސަބަބުންނެވެ. އެހެންކަމުން އޮރެންޖު ހިޔާގައި ތެލެސީމިއާ ސެންޓަރު ޤާއިމްކުރުމަށް ސިފައިންނާ ހަވާލުކުރުމަށް ރައީސް އެދުވަހު އެންގެވިއެވެ.

އެތަނުގެ މަސައްކަތް ހަވާލުކުރުމާއެކު، ގާތްގަޑަކަށް އެންމެ ދޮޅު މަސްދުވަހުގެ ތެރޭގައި އެތަނުގެ މަސައްކަތް ނިންމައި ސިފައިން ވަނީ ސިއްޚީ ވުޒާރާއާ ހަވާލުކޮށްފައެވެ.