މީރާ --

އެޕްރީލް މަހު މީރާއިން 2.60 ބިލިއަން ރުފިޔާ ބަލައިގަނެފި

ނާއިފް ހަލީމް
 
13 ދުވަސް ކުރިން

އެޕްރީލް މަހު މީރާއިން 2.60 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ.

މީރާއިން ބުނި ގޮތުގައި އެޕްރީލް 2025 ގައި މީރާއިން ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ އަކީ 2.60 ބިލިއަން ރުފިޔާއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %22.7 އިތުރު އަދަދެކެވެ. އަދި، އެޕްރީލް 2025 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %1.6 އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި، އެޕްރީލް 2024 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު އެޕްރީލް 2025 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީ.އެސްޓީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާއި ގުޅިގެންނެވެ. މީގެ އިތުރުން، މާރިޗު 2024 އާ އަޅައިބަލާއިރު މާރިޗު 2025 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ %4.8 އިތުރުވެފައިވުމުގެ ސަބަބުން، ޓޫރިޒަމް ދާއިރާގެ އާމްދަނީ ވަނީ އިތުރުވެފައެވެ. މީގެ އިތުރުން 1 ޖަނަވަރީ 2025 އިން ފެށިގެން ގްރީން ޓެކުހުގެ ރޭޓު ބޮޑުވުމާއި އަދި ޑިސެންބަރު 2024 އިން ފެށިގެން އެއަރޕޯޓް ޓެކުހާއި ފީގެ އާމްދަނީ އިތުރުވުމަކީވެސް އެޕްރީލް 2025 ގެ ޖުމުލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކެވެ.

އެޕްރީލް 2025 އަށް އަންދާޒާ ކޮށްފައިވާ އާމްދަނީއަށްވުރެ %1.6 އިތުރުވެފައިވާ މައިގަނޑު އެއް ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީ.އެސްޓީ އަދި ޓޫރިޒަމް ލޭންޑް ރެންޓު ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. މީގެ އިތުރުން، ޖަނަވަރީ 2025 ގައި ލިބިފައިވާ އާމްދަނީގެ 14.8% އަކީ ކުރީގެ މުއްދަތުތަކަށް ޓެކްސް ދައްކާ ފަރާތްތަކުން ދައްކާފައިވާ ފައިސާކަމުން، މިއީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ އެއްސަބަބެވެ.

އެޕްރީލް 2025 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %63.4 ނުވަތަ 1.65 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގްރީން ޓެކުހުންނެވެ. އެއީ %8.7 ނުވަތަ 226.7 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން އާމްދަނީ އިން ނަގާ ޓެކުހުގެ ގޮތުގައި 176.5 މިލިއަން ރުފިޔާ (6.8%)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 155.3 މިލިއަން ރުފިޔާ (%6.0)، ޑިޕާރޗާ ޓެކުހުގެ ގޮތުގައި 153.2 މިލިއަން ރުފިޔާ (5.9%) އަދި ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 9.4 މިލިއަން ރުފިޔާ (%3.6) ލިބިފައި ވެއެވެ.

އެޕްރީލް 2025 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 125.09 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.