އެމް.ޑަބްލިއު.އެސް.ސީގެ މައި އޮފީސް އިމާރާތް

އެމް.ޑަބްލިއު.އެސް.ސީ އިން ފެން ބިލަށް އަރާފައިވާ ޖޫރިމަނާ މައާފްކޮށްދެނީ

މުހައްމަދު ހަމީޒް
 
11 ދުވަސް ކުރިން

ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާމަޢާފު ކޮށްދިނުމަށް އެމް.ޑަބްލިއު.އެސް.ސީ އިން ނިންމައިފިއެވެ.

އެމް.ޑަބްލިއު.އެސް.ސީ އިން ބުނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ފެން ބިލްތަކަށް ފައިސާ ދެއްކުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މައާފުކޮށްދެއްވުމުގެ އިތުރު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައިވާކަމަށެވެ.

މި ޕްރޮގްރާމާއި ގުޅިގެން، އެމް.ޑަބްލިޔު.އެސް.ސީގެ ޑޮމެސްޓިކް ކަސްޓަމަރުންނާއި ކޮމާޝަލް ޓެރިފް ކަސްޓަމަރުންގެ ބިލްތަކަށް، 31 ޑިސެމްބަރ 2024 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މަޢާފްކޮށްދެވޭނެއެވެ. މިގޮތުން، ޖޫރިމަނާ މައާފްކޮށްދެވޭނީ އިސްވެ ދެންނެވި ޖޫރިމަނާ ނިސްބަތްވާ ބިލްތަކަށް ދައްކަވަންޖެހޭ ޖުމްލަ ފައިސާ 01 މޭ2025 އިން ފެށިގެން 31 ޑިސެމްބަރ 2025 އާއި ދެމެދު އެއްކޮށް ދައްކަވާހަލާސްކުރައްވާ ކަސްޓަމަރުންނަށެވެ.

މީގެއިތުރުން، އެއްބަސްވުމެއްގެ ދަށުން އިސްވެދެންނެވި ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކަވައި ހަލާސްކުރެއްވުމަށް އެދިވަޑައިގަންނަވާ ކަސްޓަމަރުންނަށް، އެއިންތިޒާމް އެމް.ޑަބްލިއު.އެސް.ސީއިން ހަމަޖައްސަވައި ދެވޭނެކަމަށެވެ. 

މިކަމުގައި އެހީތެރިކަމެއް ނުވަތަ އިތުރު މައުލޫމާތެއް ބޭނުންފުޅުވާނަމަ، ކުންފުނީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުއްވުމުން ނުވަތަ 1050 އަށް އެސް.އެމް.އެސްއެއް ފޮނުއްވުމުން ނުވަތަ [email protected] އަށް އީ-މެއިލްކުރެއްވުމުން މައުލޫމާތު ލިބިވަޑައިގަންނަވާނެކަން އެ ކުންފުނިން ނެރުނު ނޫސް ބަޔާނުގަވެއެވެ. 

މީގެ އިތުރުން ނުދެއްކި ގިނަދުވަސް ވެގެން ޖޫރިމަނާ އަރާފައިވާ ބިލްތަކަށް ފައިސާ ދައްކަވާޚަލާސް ކުރެއްވުމަށް މި ފުރުސަތުގެ ބޭނުން ހިއްޕެވުމަށާއި ޤަވާޢިދުން ބިލްތަކަށް ފައިސާ ދައްކަވަމުން ގެންދެވުމަށް އެމް.ޑަބްލިއު.އެސް.ސީއިން ވަނީ އިލްތިމާސްކޮށްފައެވެ.