ފޮރިން މިނިސްޓަރު ހަލީލް، ކުވޭތުގެ އެކްޓިން ޕްރައިމް މިނިސްޓަރާއެކު--- ފޮޓޯ: ފޮރިން މިނިސްޓްރީ

އެކި ދާއިރާތަކުން ރާއްޖެއިން ކުވޭތާއެކު ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި

މޫސާ ޢަލީ
 
8 ދުވަސް ކުރިން

ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ކުވެއިތަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ ގައުމުގެ ސަރުކާރާއެކު ރަސްމީ މަޝްވަރާތައް ބާއްވައިފި އެވެ.

ހަލީލު ކުވެއިތަށް ވަޑައިގެންނެވީ އިއްޔެ އެވެ. އޭނާގެ ދަތުރުގެ ތެރެއިން މިއަދު ކުވެއިތުގެ ފޮރިން މިނިސްޓަރު އަބްދުﷲ އަލީ އަލް ޔަހްޔާގެ އިތުރުން އެ ގައުމުގެ އެކްޓިން ޕްރައިމް މިނިސްޓަރު އަދި އިންޓީރިއާ މިނިސްޓަރު ޝައިހް ފަހަދު ޔޫސުފު ސައުދު އަލް- ސަބާ އާ ބައްދަލުކުރައްވައިފައެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެ ބައްދަލުވުންތަކުގަައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ދެ ވަޒީރުން މަޝްވަރާކުރެއްވި ކަމަށެވެ.

އެގޮތުން މިނިސްޓަރު ހަލީލު ވާހަކަ ދެއްކެވީ އިގުތިސޯދީ ރޮނގުންނާއި، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، ސިއްހީ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުންނާއި، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ކުވެއިތުން ދިވެހި ސަރުކާރަށް ދެމުންދާ އެހީތެރިކަމަށް ސަރުކާރުގެ ފަރާތުން ހަލީލު، ކުއެއިތަށް ޝުކުރު އަދާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ. ހާއްސަކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް އެ ގައުމުން ދީފައިވާ އެހީތެރިކަން މިނިސްޓަރު ހަލީލު ފާހަގަކުރެއްވި އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މި ބައްދަލުވުމުގައިވެސް އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވި ކަމަށެވެ.