ހުޅުދޫ-މީދޫ އަދި ހިތަދޫ ގުޅާލާ ބްރިޖްގެ ކޮންސަލްޓެންސީ މަސައްކަތް ޗައިނާ ކުންފުނިއަކާއި ހަވާލުކޮށްފި

އާއިޝަތު އަނާ ރަޝީދު
 
16 ދުވަސް ކުރިން

އައްޑޫ ހިތަދު އާއި ހުޅުދޫ-މީދޫ އާ ދެމެދު އަޅަން ނިންމާފައިވާ ބްރިޖްގެ ކޮންސަލްޓަންސީ މަސައްކަތް ޗައިނާގެ ކުންފުންޏަކާ 1.02 މިލިއަން ޑޮލަރަށް މިއަދު ހަވާލުކޮށްފި އެވެ.

ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ފުރިހަމަ ކުރަންޖެހޭ އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ ޗައިނާގެ ޓީވައި ލިން އިންޓަނޭޝަލް އިންޖިނިއަރިން ކޮންސަލްޓިންއާ އެކު އެވެ.

އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ޗައިނާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ރައީސް ޗެން ޒިއާހޫ އެވެ.

މިނިސްޓްރީން ބުނީ އައްޑޫގެ ބްރިޖުގެ ކޮންސަލްޓަންސީ ޕްރޮޖެކްޓުގެ ތެރެއިން ޓީވައި ލިން އިންޓަނޭޝަލް އިން ސާވޭ އާއި ޑިޒައިން ހެދުމާއި ބްރިޖާ ގުޅޭ ޓެކްނިކަލް ސްޕެސިފިކޭޝަން އަދި އަމަލީ މަސައްކަތް ޓެންޑަ ކުރުމަށް ބޭނުންވާ ލިޔުންތައް ތައްޔާރު ކޮށްދޭނެ ކަމަށެވެ.

ހިތަދޫ-ހުޅުމީދޫ ބްރިޖު ވާނީ މިހާތަނަށް ރާއްޖޭގައި އަޅާ އެންމެ ދިގު ބްރިޖަށެވެ. އެ ބްރިޖުގެ ދިގުމިނަކީ 13-15 ކިލޯ މީޓަރެވެ. ކަނޑުގައި ރާއްޖޭގައި ފުރަތަމަ އެޅި ސިނަމާލެ ބްރިޖުގެ ދިގުމިނަކީ 1.3 ކިލޯ މީޓަރެވެ. މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލަން އަޅާ ބްރިޖުގެ ދިގުމިނަކީ 6.7 ކިލޯ މީޓަރެވެ.

ހިތަދު އާއި ހުޅުމީދޫ ބްރިޖަކުން ގުޅުވާލުމުގެ މަސައްކަތަށް މި ސަރުކާރުން ތައްޔާރު ވެފައި ވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ 2018 ގައި ރިޔާސީ އިންތިހާބާ ދިމާކޮށް އައްޑުއަށް ވަޑައިގެން އެ ތަނުގައި ބްރިޖެއް އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ހަމަ އެ ވައުދު ހަގީގަތަކަށް ހަދައިދެއްވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އައްޑުއަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އެ ވައުދުފުޅަކީ މާލެ ފިޔަވައި އެހެން ސަރަހައްދަކަށް އެ މަނިކުފާނު ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދެވެ.

ބްރިޖްގެ ކޮންސަލްޓަންސީ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކުރިއިރު ހިތަދޫ-ހުޅުމީދޫ ގުޅުވާލާ ބްރިޖް މަޝްރޫއުގެ ސާވޭގެ މަސައްކަތެއް މިދިޔަ ފެބަރުއަރީ 19 ގައި މިސްރުގެ "ދަ އަރަބް ކޮންޓްރެކްޓާސް - އޮސްމާން އަހުމަދު އޮސްމާން އެންޑް ކޯ" އާ ވެސް ހަވާލުކުރި އެވެ.


މިސްރުގެ އެ ކުންފުންޏާ ހަވާލުކުރީ ބްރިޖު މަޝްރޫއުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭގެ މަސައްކަތް ކުރުމަށް ކަމަށް އޭރު ހައުސިން މިނިސްޓްރީން ބުނެފައި ވެ އެވެ.