އިންޑިޔާގެ ޔޫފިއާގެ ގޯލްޑަން ޖުބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗް

ސެމީ ފައިނަލުން ބަލިިވިޔަސް، ރާއްޖެއިން ދެއްކީ ހުނަރުވެރި އުންމީދީ ކުޅުމެއް!

އައްޒަަމް އާދަމް
 
4 ދުވަސް ކުރިން

މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕުގެ 19 އަހަރުން ދަށުގެ މުބާރާތުގެ ސެމީ ފައިނަލުން ރާއްޖޭގެ ޒުވާން ޓީމު ބަލިވެ، މުބާރާތާ އަލްވަދާޢު ކިޔައިފިއެވެ.

މިރޭ އިންޑިޔާގެ ޔޫފިއާގެ ގޯލްޑަން ޖުބްލީ ސްޓޭޑިއަމްގައި ކުޅުނު މި މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި، ރާއްޖެއިން ކުޅުނީ މި މުބާރާތުގެ ފޭވަރިޓުން ކަމުގައިވާ އިންޑިޔާގެ ޒުވާން ޓީމާ ދެކޮޅަށެވެ. އެ މެޗުގައި އިންޑިޔާގެ ފަރާތުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވީ 0-3 އިން ރާއްޖެ ބަލިވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި އިންޑިޔާއިން ދެ ގޯލު ޖެހިއިރު، ތިން ވަނަ ލަނޑު ޖެހީ ދެވަނަ ހާފުގައެވެ.

މި ނަތީއްޖާއިން އިންޑިޔާ ފައިނަލަށް ދަތުރުކުރިނަމަވެސް، މިއަދުގެ މެޗުގައި ރާއްޖޭގެ ޒުވާން ޓީމުގެ ކުޅުން ފާހަގަކޮށްލެވެއެވެ. ވަކިން ޚާއްސަކޮށް، ރާއްޖޭގެ ޒުވާން ޓީމުގެ ގޯލު ބެލެހެއްޓި ޒަހްރާން ހަސަންގެ މޮޅު ސޭވްތަކެއް މި މެޗުގައި ފެނުނެވެ. އިންޑިޔާއިން ފޮނުވާލި ގިނަ ޙަމަލާތަކެއް ޒަހްރާން ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފު ފެށުނު ފަހުން، މެޗު ކުޅުނީ ބޯވާރޭގެ ތެރޭގައި ކަމުން، ރާއްޖޭގެ ކުޅުންތެރިންނަށް އެކަމުން ބައެއް އުނދަގޫތަކެއް ދިމާވި ނަމަވެސް، ދެވަނަ ހާފު ނިމެން ދަނިކޮށް ރާއްޖެއިން ވަނީ އިންޑިޔާގެ ގޯލާ ދިމާލަށް ރަނގަޅު ބާރު ޙަމަލާތަކެއް ފޮނުވާލާފައެވެ. އެ ޙަމަލާތަކުގެ ދިފާއަކަށްވީ އިންޑިޔާގެ ޒުވާން ކީޕަރެވެ.

މި ނަތީއްޖާއާ އެކު ރާއްޖެ މި މުބާރާތުން އަލްވަދާޢުކި ނަމަވެސް، ރާއްޖޭގެ ޒުވާން ޓީމުގެ ފަރާތުން މި މުބާރާތުގައި ފެނުނު އުންމީދީ އަދި ހުނަރުވެރި ކުޅުން ފާހަގަކޮށްލެވެއެވެ. އެގޮތުން މި މުބާރާތުގެ ފުރަތަމަ ފައިނަލިސްޓުންކަމުގައިވާ އަދި އިންޑިޔާ ވާދަކުރަން ޖެހޭ ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެއިން މޮޅު ކުޅުމެއް ދައްކައި ޕޮއިންޓެއް ހޯދިއެވެ. އެއީ ރާއްޖެއިން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައެވެ.

އަދި ދެވަނަ މެޗުގައި ފަހަތުން އަރައި ބޫޓާންގެ އަތުން ވެސް ޕޮއިންޓެއް ރާއްޖެ ހޯދިއެވެ. އެއާއެކު، ރާއްޖެ ސެމީފައިނަލަށް ދަތުރުކުރީ ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

އަންނަ އާދިއްތަ ދުވަހު، މި މުބާރާތުގެ ފައިނަލުގައި އިންޑިޔާ އިން ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، މި މުބާރާތުގެ ފައިނަލަށް ބަންގްލަދޭޝް ދަތުރުކުރީ ގްރޫޕްއޭގެ ދެވަނަ ހޯދި ނޭޕާލް 2-1 އިން ބަލިކޮށްގެންނެވެ.