އެފްއޭއެމްގެ ރައީސްކަމަށް ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަހްމަދު ތޯރިގް (ޓޮމް) އިންތިހާބު ކޮށްފި އެވެ.
މީރުމާ ހޮޓެލްގައި މިއަދު ބޭއްވި އެފްއޭއެމްގެ އިލެކްޓޯރަލް ކޮންގްރެސްއިން ނިންމީ، އެންމެ ކެންޑިޑޭޓަކު ވާދަކުރުމުން، އަތް ހިއްލައިގެން ވޯޓް ނެގުމަށެވެ. ކޮންގްރެސްގެ 32 މެންބަރުންގެ އިއްތިފާގުން ތޯރިގްގެ އެކްސްކޯ ކުރިއަށް އޮތް ހަތަރު އަހަރަށް އެފްއޭއެމަށް އިންތިހާބުވަނީ ކޮށްފައެވެ.
މިދިޔަ އެއް އަހަރު އެފްއޭއެމް އޮތީ ފީފާގެ ނޯމަލައިޒޭޝަން ހާލަތުގަ އެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ ބެލުމުގެދަށުން އަސާސީ ގަވާއިދު އިސްލާހު ކުރި އެވެ. އެކްސްކޯގައި ތިން ނައިބު ރައީސުންނާއި އަންހެން ދެ މެންބަރުން ތިއްބަވާގޮތަށް ޖުމުލަ 10 މެންބަރުންގެ އެކްސްކޯ އަށް އަސާސީ ގަވާއިދު ވަނީ އިސްލާހުކޮށްފަ އެވެ.
ތޯރިގްގެ ނައިބު ރައީސުންނަކީ ސީނިއާ ވައިސް ޗެއާމަނުން ކަމަށްވާ އަލީ އިބްރާހީމް (ކައްޕި) އާއި، މުޖުތަބާ ޖަލީލް (މުޖޭ)ގެ އިތުރުން މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އެވެ.
އޭނާގެ އެކްސްކޯގައި ދެން ހިމެނޭ މެންބަރުންނަކީ ރާއްޖޭގެ އުފެދުނު އެންމެ ކާމިޔާބު ކީޕަރު އިމްރާން މުހައްމަދާއި ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު އުމޭރު އާއި ޓީސީ ސްޕޯޓްސްގެ ޗެއާމަން އަހުމަދު އައްބާހާއި، ބީޖީ ސްޕޯޓްސްގެ އަލީ ރިޒްވާން އާއި އޮޑި ސްޕޯޓްސްގެ އަބްދުﷲ ނާސިހު އެވެ. އަންހެން ދެ މެންބަރުންނަކީ ހައްވާ ނަސްރާ ސައީދު އާއި ހައްވާ ރަޝީދާ އެވެ.