ފީފާގެ ރައީސް ރާއްޖެ ވަޑައިގަތުން

ފީފާގެ ރައީސް ރާއްޖެ ވަޑައިގެންފި

މުހައްމަދު ހަމީޒް
 
28 ދުވަސް ކުރިން

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރަސްމީ ދަތުރެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

އިންފަންޓީނޯ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމާއި، އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އާއި ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލެވެ.

އެއް ދުވަހުގެ މި ދަތުރުގައި އެންމެ މުހިއްމު ކަމަކަށް އޮތީ، މިއަދު ރައީސް އޮފީހުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު އިންފަންޓީނޯ ބާއްވަވާ ބައްދަލުކުރެއްވުމެވެ. މި މަޝްވަރާގައި ދެ ބޭފުޅުން، ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވޭނެ ގޮތްތަކާ ބެހޭގޮތުން ވާހަކަދައްކަވާނެ އެވެ.

އެއަށް ފަހު ދެ ބޭފުޅުން މިއަދު ހަވީރު ގަލޮޅު ދަނޑުގައި ބާއްވާ ފުޓްބޯޅަ އެގްޒިބިޝަންގައި ބައިވެރިވެވަޑައިގަންނަވާ އެވެ. މި އެގްޒިބިޝަނުގައި ރައީސްގެ ޓީމަކާއި، އިންފަންޓީނޯގެ ޓީމަކުން މެޗެއް ވެސް ކުޅޭނެ އެވެ. އިންފަންޓީނޯގެ ޓީމުގައި އޭނާގެ އިތުރުން އިޓަލީގެ ވޯލްޑް ކަޕް ތަރި މާކޯ މަޓެރާޒީ އާއި އެފްއޭއެމްގެ ރައީސް ޓޮމް އާއި ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ބައެއް ކުޅުންތެރިން ހިމެނެ އެވެ.