ސްޕެއިންގެ ކޮޕާ ޑެލް ރޭ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ރޭ ބާސެލޯނާއާ ދެކޮޅަށް ކުޅެ އެތްލެޓިކޯ މެޑްރިޑުން ވަނީ 4-0 ގެ ތަފާތަކުން މެޗު ކާމިޔާބުކޮށްފައެވެ.
އެތްލެޓިކޯގެ އަމިއްލަ ދަނޑު ކަމަށްވާ ރިޔާދު އެއާ މެޓްރޮޕޮލިޓާނޯގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ވަރަށް ވަރުގަދަ ކުޅުމެއް ދައްކައި ބާސެލޯނާގެ ގޯލަށް ނުރައްކާކޮށްފައެވެ.
ޑިއެގޯ ސިމިއޯނީގެ ކޯޗުކަމުގެ ދަށުން ކުޅުނު އެތްލެޓިކޯއަށް މެޗުގެ ކުރިލިބުނީ ހަވަނަ މިނިޓުގައި ބާސެލޯނާގެ އެރިކް ގާސިއާ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. މިއީ ގާސިއާ އޭނާގެ ކީޕަރު ޖޯން ގާސިއާއަށް ދިން ބޯޅައެއް ކީޕަރަށް ކޮންޓްރޯލް ނުކުރެވި ގޯލަށް ވަދެގެން ވީ ލަނޑެކެވެ.
މި ލަނޑަށްފަހު އެތްލެޓިކޯއިން ކުޅުން އިތުރަށް ވަރުގަދަކުރިއިރު، 14 ވަނަ މިނިޓުގައި އެންޓޮއިން ގްރީޒްމަން ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ.
މެޗުގެ 33 ވަނަ މިނިޓުގައި އެތްލެޓިކޯގެ ތިންވަނަ ލަނޑު ފެނިގެންދިޔައީ ޖޫލިއަން އަލްވަރޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން އަޑެމޯލާ ލުކްމަންގެ ފަރާތުންނެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އަލްވަރޭޒް ވަނީ ލަނޑެއް ޖަހައި ނަތީޖާ 4-0 އަށް ބަދަލުކޮށްފައެވެ. މިއީ ވޭތުވެދިޔަ 11 މެޗުގައި ލަނޑެއް ނުޖެހި ހުރުމަށްފަހު އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
ދެވަނަ ހާފުގައި ބާސެލޯނާގެ ޕޯލް ކުބާސީ ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރުން އަށް މިނިޓު ވަންދެން ބެލުމަށްފަހު ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.
މެޗު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ބާސެލޯނާގެ އެރިކް ގާސިއާއަށް ރަތް ކާޑު ދެއްކުމުން، އެ ޓީމުން މެޗު ނިންމާލަން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
މި ދެ ޓީމުގެ މެދުގައި ކުޅެވޭ ސެމީ ފައިނަލްގެ ދެވަނަ ލެގު އޮންނާނީ އަންނަ މާޗު މަހުގެ ތިންވަނަ ދުވަހުއެވެ.