ވޮލްވްސް އާއި އާސެނަލް ކުޅުނު މެޗުގެ ތެރެއިން

ވޮލްވްސް އާއި އާސެނަލް ކުޅުނު މެޗުން އެއްވަރު

މުހައްމަދު ހަމީޒް
 
18 ގަޑިއިރު ކުރިން

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އާއި ދެކޮޅަށް ތާވަލުގެ ފުލުގައި އޮތް ވޮލްވްސް ކުޅުނު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.

ވޮލްވްސްގެ މޮލިނެކްސް ސްޓޭޑިއަމްގައި ނަވާވީސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފަސްވަނަ މިނިޓުގައި ބުކަޔޯ ސަކާ ވަނީ ލަނޑެއް ޖަހާ އާސެނަލް އަށް ކުރި ހޯދަދީފަ އެވެ. ސަކާ ވަނީ އާސެނަލް އާއިއެކު އިތުރު ފަސް އަހަރު ދުވަހު މަޑުކުރުމަށް އިއްޔެ އެ ކްލަބާއިއެކު ސޮއިކޮށްފަ އެވެ.

މެޗުގެ ވަރަށް ކުރީކޮޅު އާސެނަލް އިން ލަނޑު ޖެހުމާއިއެކު މި މެޗުން އާސެނަލް ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވާނެކަމަށް ބެލެވުނު ނަމަވެސް ވޮލްވްސް އިން ވަނީ މި މެޗުގައި ރަގަޅު ކުޅުމެއް ދައްކާފަ އެވެ.

އާސެނަލް އިން ވަނީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުގައި އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޕިއެރޯ ހިންކޭޕީ އެވެ.

ވޮލްވްސް އިން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 61 ވަނަ މިނިޓުގައި ހޫގޯ ބުއޭނޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އަދި މެޗުގެ އިންޖަރީ ވަގުތުގެ ހަތަރުވަނަ މިނިޓުގައި ޓޮމް އެޑޯޒީ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ 10 ވަނަ މިނިޓުގަ އެވެ.

މި ނަތީޖާ އާއިއެކު އާސެނަލް އަށް ލީގުގައި މިހާތަނަށް ކުޅުނު 27 މެޗުން ލިބިފައިވާ 58 ޕޮއިންޓާއެކު އޮތީ ތާވަލުގެ އެއްވަނައިގަ އެވެ. ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އެއް މެޗު މަދުން ކުޅެގެން އެ ޓީމަށް ލިބިފައިވަނި 53 ޕޮއިންޓެވެ. ތާވަލުގެ ފުލުގައި އޮތް ވޮލްވްސް އަށް 27 މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ.