ރޭގެ މެޗަކީ ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭގެ 65 ވަނަ އުފަންދުވަސް ކަމަށްވާއިރު، ޓީމުން ވަނީ އޭނާއަށް ހާއްސަ ހަދިޔާއެއް މި މޮޅާއެކު ދީފައެވެ. މެޗުގެ ފުރަތަމަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ޒުވާން ތަރި ލަމީން ޔަމާލް ވަނީ ސްޕެއިނަށް ލީޑު ހޯދައިދީފައެވެ. އޭގެ ފަހުން 17 ވަނަ މިނެޓާއި 21 ވަނަ މިނެޓުގައި މިކެލް އޮޔާޒަބަލް ޖެހި ދެ ގޯލާއެކު، ފުރަތަމަ ހާފު ނިމުނުއިރު ސްޕެއިން އޮތީ ތިން ގޯލުގެ ލީޑެއްގައެވެ.
ދެވަނަ ހާފު ފެށިގެން ތިން މިނެޓު ނުވަނީސް ސްޕެއިންގެ ހަތަރުވަނަ ގޯލު ފެނިގެންދިޔައެވެ. މިއީ މާކް ކުކުރެޔާ ފޮނުވާލި ބޯޅައެއް ސައުދީގެ ހަސަން ތަމްބަކްތީ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ. ސައުދީގެ ކީޕަރު މުހައްމަދު އަލް އޮވައިސް ވަނީ ސްޕެއިންގެ ނުރައްކާތެރި ގިނަ ހަމަލާތަކެއް ދިފާއުކޮށް، އިތުރު ގޯލުތަކެއް ވަނުން ހުއްޓުވާފައެވެ. މެޗުގެ ފަހުކޮޅު ފެރާން ޓޮރޭސް ޖެހި ގޯލެއް ވީއޭއާރުން ބެލުމަށްފަހު އޮފްސައިޑް ކަމަށް ނިންމާފައިވެއެވެ.
ސްޕެއިނަކީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަނުންގެ އިތުރުން، އެންމެ ފަހުން ބޭއްވި 2024 ވަނަ އަހަރުގެ ޔޫރޯގެ ވެސް ޗެމްޕިއަނުންނެވެ. ފުރަތަމަ މެޗުގައި ކޭޕް ވާޑްއާ އެއްވަރުވެ ލިބުނު މާޔޫސްކަމަށްފަހު، މިރޭގެ މޮޅަކީ އެޓީމަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އަނެއްކޮޅުން އޭޝިއާގެ ބާރެއްގެ ގޮތުގައި ބެލެވޭ ސައުދީ އަރަބިއްޔާއަށް މި ނަތީޖާއާއެކު ދެވަނަ ބުރަށް ދިއުމަށް ކުރިއަށް އޮތް މެޗު ކާމިޔާބުކުރުން މިހާރު ވަނީ މަޖުބޫރުވެފައެވެ.
މި ގްރޫޕުގައި މިހާތަނަށް ސައުދީއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. ދެން މި ގުރޫޕުގައި ހިމެނޭ އުރުގުއާއީ އަދި ކޭޕް ވާޑްއަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. އެއީ ރޭ ދަންވަރު ކުޅުނު އުރުގުއާއީ އާއި ކޭޕް ވާޑް ބައްދަލުކުރި މެޗު އެއްވަރުވުމުންނެވެ. ސްޕެއިންގެ މި ފުރިހަމަ މޮޅާއެކު، އެޓީމުން މިވަނީ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި އަލުން ސާބިތުވެފައެވެ.