ކިލިއަން އެމްބާޕޭގެ ގޯލުން 1-0 އިން ޕެރަގުއޭ ބަލިކޮށް ފީފާ ވޯލްޑް ކަޕްގެ ކުއާޓާފައިނަލަށް ފްރާންސް ދަތުރުކޮށްފި އެވެ.
ކުއާޓާފައި ފްރާންސް ބައްދަލުކުރާނީ މޮރޮކޯއާ އެވެ. މި ދެ ޓީމު ވަނީ އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގެ ސެމީފައިނަލްގައި ވެސް ބައްދަލުކޮށްފައިވެ އެވެ. އެ ފަހަރު ފްރާންސުން ވަނީ މޮރޮކޯގެ މައްޗަށް ކުރި ހޯދައިފަ އެވެ.
އެމެރިކާގެ ފިލަޑެލްފިއާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، ޑިފެންސިވްކޮށް ކުޅެމުންދިޔަ ޕެރަގުއޭގެ ގޯލަށް މާބޮޑު ނުރައްކަލެއް މި ހާފުގައި ފްރާންސަށް ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.
ދެވަނަ ހާފުގައި ފްރާންސުން ބަދަލުތަކެއް ގެނެސް ކުޅުން އަވަސްކުރިއިރު، މި މެޗުގެ ހަމައެކަނި ގޯލު ފްރާންސުން ކާމިޔާބުކުރީ މެޗުގެ 70 ވަނަ މިނެޓްގައި ޑުއޭއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދީ ފްރާންސަށް ލީޑު ނަގައިދީ ކިލިއަން އެމްބާޕޭ ކަމަށްވާއިރު، މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި އޭނާ ކާމިޔާބުކުރި ހަތްވަނަ ގޯލެވެ.
ލީޑު ފުޅާކޮށްލަން އެމްބާޕޭ އަށް ފަހުން ވެސް ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. ނަމަވެސް ޕެރަގުއޭގެ އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ދެ ހަމަލާ ވެސް މަތަކުރީ ޕެރަގުއޭގެ ކީޕަރު އޮލާންޑޯ ގިލް އެވެ.
ޕެރަގުއޭ އަށް މި މެޗުގައި މާބޮޑު އެޓޭކިން ކުޅުމެއް ނުދެއްކުނުއިރު، އެޓީމަށް ފްރާންސްގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވުނީ ވެސް އެންމެ ހަމަލާއެކެވެ.