ފަހު ވަގުތު ޖެހި ދެ ލަނޑުން މެޗު އެއްވަރުކޮށް ރާއްޖޭގެ 19 އަހަރުން ދަށުގެ ޒުވާން ޤައުމީ ފުޓްބޯޅަ ޓީމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިއަދު ހަވީރު އިންޑިޔާގެ ޔޫފިއާގެ ގޯލްޑަން ޖުބްލީ ސްޓޭޑިއަމްގައި ކުޅުނު މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގެ، ފުރަތަމަ ހާފުގައި ރާއްޖެއަށް އަދި ބޫޓާނަށް ވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނެވެ. އެހެން ނަމަވެސް އެ ހާފުގައި ލިބުނު ފުުރުސަތުތަކުގެ ބޭނުން ހިފައި، ގޯލެއް ޖެހީ ބޫޓާނުންނެވެ.
އެ ލަނޑަކީ އެ މެޗުގެ 44 ވަނަ މިނެޓުގައި އެ ޓީމުގެ ލާމު ޓެންޒިން ކީޕަރުގެ އޭރިއާ ބޭރުން ފޮނުވާލި ބާރު ޙަމަލާ ގޯލައް ވައްދައިގެން ބޫޓާނުން ޖެހި ލަނޑެކެވެ.
އެހެން ނަމަވެސް ބަދަލުތަކާއެކު ދެވަނަ ހާފުގައި ވަރުގަދަކުޅުމެއް ދެއްކި ރާއްޖެއިން މެޗުގައި އެއްވަރުކުރި ލަނޑު ކާމިޔާބުކުރިއެވެ. އެގޮތުން މެޗުގެ 76 ވަނަ މިނެޓުގައި ރާއްޖެއަށް މެޗު އެއްވަރުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ އަޝްހަމް އިބްރާހިމް މުޙައްމަދުއެވެ.
އަދި މެޗު ނިމެން އެންމެ ތިންމިނެޓަށް ވެފައިވަނިކޮށް ރާއްޖެއިން އިތުރު ލަނޑެއް ޖަހައި ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނެގިއެވެ. އެ ލަނޑު ރާއްޖޭގެ ޓީމަށް ކާމިޔާބުކޮށްދިނީ ވެސް އަޝްހަމްއެވެ.
އެ ލީޑުގައި މެޗު ނިމެންދަނިކޮށް، މެޗުގެ އެންމެ ފަހު ވަގުތުކޮޅުގައި އެސް ޝެރާބް ޖެހި ގޯލުން ބޫޓާން މެޗު އެއްޗަރުކޮށް ޕޮއިންޓެއް ހޯދިއެވެ.
މިއާއެކު، މި މުބާރާތުގެ ސެމީ ފައިނަލަށް ރާއްޖެ ދަތުރުކުރީ ބަންގްލަދޭޝް އަދި ބޫޓާންގެ މެޗުތަކުން ލިބުނު ދެ ޕޮއިންޓުންނެވެ. އެ ގްރޫޕުގެ އެއްވަނަ ޓީމެއްގެ ގޮތުގައި ސެމީއަށް ދަތުުރުކުރީ ބަންގްލަދޭޝްއެވެ. ބަންގްލަދޭޝް ވަނީ 3-0 ބޫޓާންގެ މައްޗަށް ކުރި ހޯދައި، ގްރޫޕުން ހަތަރު ޕޮއިންޓް ހޯދާފައެވެ.
ސެމީ ފައިނަލުގައި ރާއްޖެ ވާދަކުރަން ޖެހޭނީ ގްރޫޕް ބީގައި އޮތް އިންޑިޔާ، ނޭޕާލް އަދި ސްރީލަންކާގެ ތެރެއިން އެ ގްރޫޕުގެ އެއްވަނަ ހޯދާ ޓީމާ ދެކޮޅަށެވެ. މިވަގުތު އެ ގްރޫޕުގެ އެއްވަނައިގައި ތިން ލަނޑުގެ ތަފާތުން އިންޑިޔާ އޮތް އިރު، އިންޑިޔާ އަދި ނޭޕާލް ވެސް ވަނީ ބޮޑު ތަފާތަކުން ސްރީލަންކާ ބަލިކޮށްފައެވެ.
އެގޮތުން 8-0 އިން އިންޑިޔާއިން ލަންކާ ބަލިކުރިއިރު، 5-0 ނޭޕާލްއިން އިންޑިޔާ ބަލިކޮށްފައެވެ.