ފްރާންސްގެ ނޫސް "ލެކިޕް" އިން ހާމަކޮށްފައިވާ ގޮތުގައި މެންޗެސްޓަރ ޔުނައިޓެޑުން ލިޔޯންގެ މިޑްފީލްޑަރ ކޮރެންޓިން ޓޮލިސޯގެ އެޖެންޓުންނާ ސީދާ މުއާމަލާތް ކުރަން ފަށައިފި އެވެ. 30 އަހަރުގެ މި ކުޅުންތެރިޔާ ލިޔޯން ދޫކޮށް ދާން ބޭނުން ނުވި ނަމަވެސް، މިދިޔަ ސީޒަންގައި އޭނާގެ ފޯމާއި ކްލަބުގެ މާލީ ހާލަތަށް ބަލާއިރު މި މުއާމަލާތް ކުރިއަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.
އެލެކްސާންޑްރެ ލަކަޒެޓް ކްލަބް ދޫކޮށް ދިއުމާ ގުޅިގެން ޓޮލިސޯއަކީ ލިޔޯންގެ ކެޕްޓަން ކަމަށްވެފައި، ކްލަބުން އޭނާ ހިފަހައްޓަން ބޭނުންވެ އެވެ. ނަމަވެސް ސައުދީ އަރަބިއާގެ ނިއޯމް އަދި އެޓްލެޓިކޯ މެޑްރިޑުންވެސް އޭނާއަށް ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ. ޓޮލިސޯ ޓަރކީން ލިބުނު އޮފާތަކަށް ދެކޮޅު ހަދާފައިވާއިރު، އިނގިރޭސިވިލާތަށް ބަދަލުވުމާ މެދު އެހާ ނޭދެވޭ ގޮތަކަށް ނުދެކޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
އެހެން ކްލަބުތަކުގެ ޓްރާންސްފަރ ޚަބަރުތައް
ބާޔަން މިއުނިކުން ވަނީ ކްރިސްޓަލް ޕެލަސްގެ އެބެރެޗި އެޒޭ ހޯދުމަށް އާސެނަލްއާ ވާދަކުރަން ނިންމާފައެވެ. އާސެނަލުން 27 އަހަރުގެ މި ކުޅުންތެރިޔާ ހޯދުމަށް ބޮޑު މަސައްކަތްތަކެއް ކުރަމުންދާއިރު، ބާޔަންގެ ކޯޗު ވިންސެންޓް ކޮމްޕަނީ ބޭނުންވަނީ އޭނާ ކުރީގެ ޕެލަސް ކުޅުންތެރިޔާ މައިކަލް އޮލިސްއާ އެކު ގުޅުވާލުމަށެވެ.
ބާސެލޯނާއިން ވަނީ މެންޗެސްޓަރ ޔުނައިޓެޑްގެ މާކަސް ރަޝްފޯޑްގެ އެޖެންޓުންނާ މުއާމަލާތް ކުރަން ފަށާފައެވެ. 28 އަހަރުގެ މި ކުޅުންތެރިޔާ އެސްޓަން ވިލާގައި ލޯނުގައި ހޭދަކުރި މުއްދަތު ނިމުމަށްފަހު ޔުނައިޓެޑްގެ ކޯޗު ރޫބެން އަމޮރިމްގެ ޕްލޭންތަކުގައި ނެތުމާއެކު، ބާސެލޯނާއަށް ބަދަލުވުމަށް ވަރަށް ޝައުގުވެރިވެ އެވެ.
އާސެނަލުން ސްޕޯޓިންގ ސީޕީގެ ވިކްޓަރ ގިއޮކެރެސް ހޯދުމަށް ކުރަމުންދާ މަސައްކަތް ބޯނަސްތަކާ ގުޅޭ ގޮތުން އުފެދިފައިވާ ޚިލާފަކާ ހެދި ނާކާމިޔާބުވުމުގެ ފުރުސަތު އޮތް ކަމަށް "ރެކޯޑް" އިން ރިޕޯޓުކޮށްފައިވެ އެވެ. އާސެނަލުން 63 މިލިއަން ޔޫރޯއާއި 10 މިލިއަން ޔޫރޯގެ ބޯނަސް ހުށަހެޅި ނަމަވެސް، ސްޕޯޓިންގއިން ބޭނުންވަނީ ބޯނަސް ފަސޭހައިން ހާސިލުކުރެވޭނެ ގޮތަކަށް ހަމަޖެއްސުމަށެވެ.