މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި 6 މީހުން. / ފޮޓޯ؛ ފުލުހުން

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 6 މީހަކު ހައްޔަރުކޮށްފި

މަރިޔަމް ސަމްހާ
 
4 ދުވަސް ކުރިން

ދިވެހި ފުލުހުންގެ ޚިދުމަތުގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 6 މީހުން ހައްޔަރުކޮށް، 2 ކިލޯއާ ގާތްކުރާ ޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ. 

ފުލުހުން ބުނީ މި އޮޕަރޭޝަނުގެ ތެރެެއިން ފައިސާއާއި، އިލެކްޓްރޯނިކް ވަސީލަތްތަކާއި، ކެނަބިސް އެކުލެވޭ އުފެއްދުންތައް ވެސް އަތުލެވިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ދާންދޫ / ބޯގަންވިލާ، ޙަސަން ޢަލީ (26އ) އާއި ޅ. ކުރެންދޫ / މެދުރިގެ، މުޙައްމަދު އަލީޝް އަޙްމަދު (28އ) އާއި ހދ. ނޮޅިވަރަންފަރު ސާރާޒް، ވަލީދު މުޙައްމަދު (26އ) އާއި ސ. ފޭދޫ / ފެނިގެއްލިދާގެ، ޖައިލަމް މުޙައްމަދު ޒަކީ (28އ) އާއި ފ. ދަރަނބޫދޫ / ނާރެސް، ޝަޔާން އިސްމާޢީލް ވަޙީދު (18އ) އާއި އއ. ތޮއްޑޫ / ތުނޑި، އިބްރާހީމް މައިޝަމް މާހިރު (21އ) އެވެ.

މި މެއި މަހުގެ 14 އަދި 15 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މާލެއާއި ހުޅުމާލެ ހިމެނޭގޮތަށް 7 ތަނެއް ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. އެގޮތުން، ހެރޮއިންއާއި މެތަމްފެޓަމިން އަދި ކެނަބިސް ހިމެނޭ ގޮތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނުގައި 1943.76 ގްރާމް ހުރިކަމަށް ފުލުހުން ބުންޏެވެ. 

މީގެ އިތުރުން، ނިކޮޓިން-ސްޓައިލް ވޭޕް ކާޓްރިޖްތަކާއި، "މޫންޝައިން" ކެނަބިސް ބުއިންތަކާއި ފްލޭވަރ ކުރެވިފައިވާ ތެޔޮ ވެސް އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި 90،000 އަށްވުރެ ގިނަ ދިވެހި ރުފިޔާ އާއި 3،605 އެމެރިކާ ޑޮލަރުގެ އިތުރުން 6 މޯބައިލް ފޯނާއި 2 ލެޕްޓޮޕް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުންޏެވެ.

މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޖައިލަމް މުޙައްމަދު ޒަކީ (28އ) 5 ދުވަހަށް، އިބްރާހީމް މައިޝަމް މާހިރު (21އ) އާއި ޝަޔާން އިސްމާޢީލް ވަޙީދު (18އ) 10 ދުވަހަށް އަދި ޙަސަން ޢަލީ (26އ) އާއި މުޙައްމަދު އަލީޝް އަޙްމަދު (28އ) އާއި ވަލީދު މުޙައްމަދު (26އ) 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުން ކަމަށް ފުލުހުން ބުނެފައިވެއެވެ.