ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު 21އ ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރު ކުރި ރައުދު އަހުމަދު ޒިލާލް 21އ ބަންދުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ސިއްރުކުރަން ފަށައިފިއެވެ.
ރައުދުގެ ބަންދުގެ އަޑުއެހުންތައް ކޯޓުން ސިއްރުކުރަން ފަށާފައިވަނީ އެންމެ ފަހުން ބޭއްވި ދެ އަޑުއެހުމުން ފެށިގެނެވެ.
ކްރިމިނަލް ކޯޓު މީޑިއާ އޮފިޝަލަކު ދާޅުވީ ރައުދުގެ މައްސަލައިގެ އަޑުއެހުންތައް ކޯޓުން ސިއްރުކުރަން ފަށާފައިވަނީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ދަށުން ކަމަށެވެ.
ގާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ޝަރީއަތް ސިއްރުކުރެވޭ ތިން ހާލަތެއް ބަޔާންކޮށްފައިވެއެވެ. އެއީ މުޖުތަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުން، ނުވަތަ މުޖުތަމައުގެ އަމަންއަމާންކަން ގާއިމުކުރުން، ނުވަތަ ރާއްޖޭގެ ގައުމީ ސަލާމަތަށް ބުރޫ އެރިއަ ނުދިނުމަށާއި ހުށަހެޅިފައިވާ މައްސަލައެއްގައި ކުޑަކުދީންގެ މަސްލަހަތު ހިމާޔަތްކުރުން، ނުވަތަ މީހަކު ކުރި ކުށެއްގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތެއްގެ މަސްލަހަތު ރައްކާތެރިކުރުމުގެ އިތުރުން އާންމުކޮށް ހުޅުވާލައިގެން ޝަރީއަތް ހިންގައިފިނަމަ އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސް އެޅިދާނެ ހުރަހަކުން މިންޖުވުމުގެ ހާލަތެވެ.
މި މައްސަލައިގައި މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު ރައުދު ހައްޔަރުކުރިއިރު އޭގެ ފަހުން އެކި ފަހަރު މަތިން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވެއެވެ. އެންމެ ފަހުން މި މަހުގެ 15 ވަނަ ދުވަހު އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.