ހުޅުމާލޭގައި ރޭ މާރާމާރީއެއް ހިންގާ، މީހެއްގެ ބޯ ފަޅާލައިފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ފޭސް 2 ގެ އެޗް-11 ކައިރީގައި މާރާމާރީއެއް ހިންގި މައްސަލައެއް ރޭ 23:51 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މާރާމާރީގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އެގޮތުން އެކަކުގެ ބޯ ފަޅައިގެން ގޮސް، ދެވަނަ މީހާގެ ބުރަކަށީގެ އެކި ތަންތަނުން ދުޅަވެ، ދެ އަތުގެ އުޅަނބޮށި މަށައިގެން ގޮސްފައިވާ ކަމަށެވެ.
އެ މާރާމާރީ ހިންގި ދެމީހުން ދެ ފޯނު ފޭރިގެންފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި އަނިޔާވި މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށާއި އެ މައްސަލަ ތަޙުޤީޤުކުރަމުން އަންނަ ކަމަށެވެ.