އެންމެ ފަހުން ތަސްދީގު ކުރެވުނު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން އުފެދުނު މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މީޑިއާގެ ދާއިރާއިން ހޮވަންޖެހޭ ހަތަރު މެންބަރުން މިއަދު އައްޔަންކޮށްފިއެވެ.
ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، މީޑިއާ ކޮމިޝަނުގައި ތިބެންޖެހެނީ ޖުމްލަ ހަތް މެންބަރުންނެވެ. އޭގެ ތެރެއިން ހަތަރު މެންބަރުން ހޮވަންޖެހެނީ އިލެކްޝަންސް ކޮމިޝަނުން ބާއްވާ އިންތިޚާބަކުން މީޑިއާތަކުގެ މެދުގައެވެ. ނަމަވެސް، އެކަށީގެންވާ އަދަދަކަށް ކެންޑިޑޭޓުން ކުރިމަތިނުލުމާ ގުޅިގެން އިންތިޚާބެއް ނުބާއްވައި ހަތަރު މެންބަރުން ވަނީ ހޮވިފައެވެ.
މިގޮތުން ބްރޯޑްކާސްޓިން ކެޓަގަރީން އަބްދުލްއަޒީޒް އިބްރާހީމް އަދި ޒަމްއަތު އަހުމަދު ވަހީދު، އަދި އޮންލައިން ކެޓަގަރީން ސިމާހާ ނަސީމް އަދި ހުސައިން ސަގީފް ވަނީ އައްޔަންކުރެވިފައެވެ. މީގެ ތެރެއިން ސަގީފަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ އެންމެ ފަހުގެ ރައީސެވެ.
މީޑިއާ ކޮމިޝަނުގެ ބާކީ ތިން މެންބަރުން އައްޔަންކުރުމުގެ ޒިންމާ އޮތީ ރައްޔިތުންގެ މަޖިލީހުގެ މައްޗަށެވެ. މި މަގާމުތަކަށް 10 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. މީގެ ތެރޭގައި ކުރީގެ ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލްގެ މެންބަރުންވެސް ހިމެނެއެވެ. މި ނަންތައް މިހާރު ވަނީ ދިރާސާކުރުމަށް މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ފޮނުވިފައެވެ.