ބްރޯޑްކާސްޓިންގ ދާއިރާގައި ހިމެނޭ ނޫސްވެރިކަމާއި، މަޢުލޫމާތު ފެތުރުމާއި އަދި މުނިފޫހިފިލުވުމުގެ ހުރިހާ ޚިދުމަތްތަކަކީ ވަރަށް ފަރުވާތެރިކަމާއި މަސްއޫލިއްޔަތު އުފުލަންޖެހޭ ޚިދުމަތްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރައްވައިފިއެވެ.
ބްރޯޑްކާސްޓިންގ ދުވަހާ ގުޅިގެން އެމަނިކުފާނު އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި، ކޮންމެ ބްރޯޑްކާސްޓަރަކުވެސް އިސްލާމީ އަސްލުތަކާ އެއްގޮތްވާ، ދިވެހި އާދަކާދައާއި ސަގާފަތް ދިރުވާ އާލާކުރާ، އަދި ފައިދާހުރި މަޢުލޫމާތާއި ޕްރޮގްރާމްތައް އުފެއްދުމަށް މަސައްކަތްކުރަންވާނެ ކަމަށް ވިދާޅުވިއެވެ. އަދި ޤައުމުގެ ހެޔޮ ނަން އުފުލުމުގައި މުހިންމު ދައުރެއް އަދާކުރުމަށް ބްރޯޑްކާސްޓަރުންނަށް ގޮވާލެއްވިއެވެ.
ބްރޯޑްކާސްޓިންގ ދުވަހަކީ ޤައުމު ބިނާކުރުމުގައާއި، ޑިމޮކްރަސީ ވަރުގަދަކުރުމުގައި، އަދި ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު ފުޅާކުރުމުގައި ބްރޯޑްކާސްޓަރުން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް، މި ދާއިރާ ކުރިއެރުވުމަށް ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު 4 ވަނަ ދުވަހުއެވެ.
އޮކްޓޯބަރު 4 ވަނަ ދުވަސް ބްރޯޑްކާސްޓިންގ ދުވަސް ކަމުގައި ކަނޑައެޅިފައިވަނީ، 1961 ވަނަ އަހަރުގެ އޮކްޓޯބަރު 4 ގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބްރޯޑްކާސްޓިންގ ޓެސްޓް ސިގްނަލް ފޮނުވާލެވުނު ދުވަސް ކަމަށްވާތީއެވެ. އަދި ރަސްމީކޮށް ބްރޯޑްކާސްޓިންގގެ ޚިދުމަތް ފެށުނީ 1962 ވަނަ އަހަރުގެ ޑިސެންބަރު 29 ވަނަ ދުވަހު ދިވެހިރާއްޖޭގެ އަޑުގެ ރޭޑިއޯ ޚިދުމަތާ އެކުގައެވެ.