ދިރިއުޅޭނެ ތަނެއް ނެތިގެން އުޅޭ ފަރާތްތަކަށް ދޫކޮށްފައިވާ ފަހި ފްލެޓްތައް އެއްބަސްވުމާ ޚިލާފަށް އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރާނަމަ، އެ ފްލެޓްތައް އަނބުރާ އަތުލާނެކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނެފިއެވެ.
އެފްޑީސީގެ މިފަދައިން ބުނެފައިވަނީ ހުޅުމާލޭގައި ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތައް ރައްޔިތުންނާ ހަވާލުކުރަން ފެށުމާއެކު، އެ ތަންތަން މަތީ އަގުތަކުގައި ކުއްޔަށް ދޫކުރުމަށް އިޝްތިހާރުކުރަން ފެށުމާ ގުޅިގެންނެވެ.
އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވި ގޮތުގައި މި ފްލެޓްތަކަކީ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން، ގެދޮރަށް އެންމެ ބޮޑަށް ޖެހިފައިވާ ފަރާތްތަކަށް އިސްކަންދީގެން ދޫކުރެވިފައިވާ ތަންތަނެވެ. އެއްބަސްވުމާ ޚިލާފަށް ފްލެޓް ކުއްޔަށް ދޫކުރާ ފަރާތްތައް ދެނެގަނެ، އެފަރާތްތަކާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، ފްލެޓް އަތުލެވޭނެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ތިން ކޮޓަރީގެ ފްލެޓެއް 25,000 ރުފިޔާއަށް ކުއްޔަށް ދޫކުރަން އިއުލާންކޮށްފައިވާއިރު، ސަރުކާރުން ކަނޑައަޅާފައިވާ ކުލި 11,500 ރުފިޔާއެވެ. މިއީ ސަރުކާރުން ކަނޑައަޅާފައިވާ އަގަށްވުރެ 13,500 ރުފިޔާ އިތުރު އަދަދެކެވެ.
އެފްޑީސީން 4,000 ފްލެޓް ލިބުނު ފަރާތްތަކަށް ތަޅުދަނޑި ހަވާލުކުރަން ފަށައި އަދި ދެ ހަފުތާވެފައިވާއިރު، މިހާތަނަށް 78 ފަރާތަކާ ތަޅުދަނޑި ހަވާލުކޮށްފައިވެއެވެ. މި ފްލެޓްތަކަށް ފެނާއި ކަރަންޓު ލިބެން ހުރުމާއެކު، ހަވާލުވުމާއެކު ދިރިއުޅެން ފެށޭނެއެވެ.