ރާއްޖޭގެ އެންމެ ބޮޑު ބޭންކް ކަމުގައިވާ ބޭންކް އޮފް މޯލްޑިވްސްއިން ގެދޮރުވެރިކަމުގެ ހާއްސަ ސްކީމެއް ކަމުގައިވާ 'ހިޔާވެހި ފައިނޭންސިން ސްކީމު'ގެ ދަށުން މަޝްރޫޢުތައް ފާސްކުރަން ފަށައިފިއެވެ.
މި ސްކީމަކީ ދިވެހި ސަރުކާރުގެ އެހީތެރިކަމާއެކު ހިންގާ، ގެދޮރު އިމާރާތްކުރުމަށް އަހަރަކު 5 އިންސައްތައިގެ ރޭޓުގައި ފައިސާ ދޫކުރެވޭ ސްކީމެކެވެ. މި ސްކީމުގެ ދަށުން ލޯނު އަނބުރާ ދެއްކުމަށް 25 އަހަރުގެ މުއްދަތެއް ލިބޭއިރު، 18 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއްވެސް ހިމެނެއެވެ. އަދި 20 އިންސައްތައިގެ އިކުއިޓީ ކަސްޓަމަރަށް ނުވަތަ ސަރުކާރު މެދުވެރިވެގެން ހަމަޖެއްސިދާނެއެވެ. މީގެއިތުރުން، އިމާރާތްކުރާ ތަން ފިޔަވައި އިތުރު ރަހުނެއް ބޭނުމެއް ނުވެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވެފައިވަނީ، ބޭންކުގެ ކުރިއެރުމަކީ ގައުމުގެ ކުރިއެރުމާ ގުޅިލާމެހިފައިވާ ކަމެއްކަމަށެވެ. އަދި ގައުމީ ބޭންކެއްގެ ހައިސިއްޔަތުން ރައްޔިތުންނަށް ފައިދާހުރި މަޝްރޫޢުތަކަށް އެހީތެރިވުމަކީ އެ ބޭންކުގެ ޒިންމާއެއް ކަމަށް ފާހަގަކުރައްވާފައިވެއެވެ. މިހާތަނަށް 1،400 އަށްވުރެ ގިނަ ފޯމު ޕްރޮސެސްކުރަމުންދާކަން ބޭންކުން ހާމަކޮށްފައިވެއެވެ.