ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި އަހަރުގެ މިހާތަނަށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ޖުމްލަ 6.5 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ބުނެފި އެވެ. ބޭންކުން މިކަން ހާމަކުރީ މިއަދު އާންމުކުރި މި އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ނަތީޖާއާ ގުޅިގެންނެވެ. ބީއެމްއެލްގެ ލޯނު ދޫކުރުން އިތުރުވަމުން އަންނަ ކަމަށް އެ ބޭންކުން ފާހަގަކޮށްފައިވެ އެވެ.
ބީއެމްއެލްގެ މާލީ ނަތީޖާތައް ދައްކާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ތިން ކުއާޓަރުގެ ތެރޭގައި ލޯނު ދޫކޮށްފައިވާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ފުރަތަމަ ކުއާޓަރު ގައި 1.7 ބިލިއަން ރުފިޔާގެ ލޯނު ދޫކުރިއިރު، ދެވަނަ ކުއާޓަރު ގައި އެ އަދަދު 3 ބިލިއަން ރުފިޔާއަށް އަރާފައިވެ އެވެ. މި ދެ ކުއާޓަރާއެކު ތިންވަނަ ކުއާޓަރު ނިމުނުއިރު ޖުމްލަ 6.5 ބިލިއަން ރުފިޔާގެ ލޯނު ދޫކުރެވިފައިވާ ކަމަށް ބޭންކުން ބުނެ އެވެ.
މާލީ ހިދުމަތްތަކުން ލިބުނު ފައިދާއަށް ބަލާއިރު، ތިންވަނަ ކުއާޓަރުގައި ބޭންކުގެ ހިންގުމުގެ ފައިދާ 791 މިލިއަން ރުފިޔާއަށް އަރާފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 10 ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި ސާފު ފައިދާ ގެ ގޮތުގައި ތިންވަނަ ކުއާޓަރުގައި 475 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ބީއެމްއެލްގެ ރިޕޯޓްތަކުން ދައްކަ އެވެ.
މީގެ އިތުރުން، ތިންވަނަ ކުއާޓަރުގެ ނިޔަލަށް ބީއެމްއެލްގެ ޖުމްލަ އެސެޓް 51.1 ބިލިއަން ރުފިޔާއަށް އަރާފައިވެ އެވެ. ކަސްޓަމަރުންގެ ޑިޕޮސިޓް 33.7 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ވެސް ބޭންކުން ވަނީ ހާމަކޮށްފަ އެވެ.