ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި މިހާރަކު ދިވެއްސަކަށް އަދާނުކުރެވޭނެ ވަޒީފާއެއް ނެތް ކަމަށް ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް އިއްޔެ ވިދާޅުވެއްޖެ އެވެ. ބީއެމްއެލްގެ ބައެއް ހިދުމަތްތައް ތައާރަފުކުރަން ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، މިއަދު ބޭންކުގެ ހުރިހާ ދާއިރާއަކުން ވެސް ދިވެހި މުވައްޒަފުން ވަނީ ތައުލީމާއި ތަޖުރިބާ އާއި ޕްރޮފެޝަނަލް ސެޓިފިކޭޝަން ހާސިލްކޮށްފައި ކަމަށެވެ. އެހެންކަމުން، "މިއަދު ދިވެއްސަކަށް އަދާ ނުކުރެވޭނެ މަގާމެއް ބޭންކް އޮފް މޯލްޑިވްސްގައި ނެތް،" ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދިނުމަށް ހިންގަމުން އަންނަ "ދިވެހީންގެ ބޭންކް – މުޅި ރާއްޖެއަށް" ކެމްޕެއިންއާ އެކު ވިސްނުމަށް އަންނަނީ އެ ބޭންކު އުފެއްދި ބޭނުން ކަމަށެވެ. ބީއެމްއެލް އުފެއްދުމަށްޓަކާ ދިވެހި ސަރުކާރާއި ބޭރުގެ ކުންފުންޏަކާ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކުރި ޚަބަރު 1982 ވަނަ އަހަރުގެ މާޗު 14 ގައި އޭރުގެ ހަވީރު ނޫހުގައި ގެނެސްދީފައިވާއިރު، އެ ލިޔުމުގައި ވެސް ބޭންކުގެ މަގުސަދަކީ ހަމައެކަނި ވިޔަފާރީގެ ހިދުމަތް ދިނުން ނޫން ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި ތަރައްގީގެ މަގުގައި އެހީވެވޭނެ ރޮނގުތައް ހޯދުމާއި އެހީވުމަކީ ވެސް ބީއެމްއެލްގެ މަގުސަދެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ބީއެމްއެލް ހުޅުއްވައި ދެއްވަމުން 1982 ވަނަ އަހަރުގެ ނޮވެމްބަރު 11 ގައި އޭރުގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ވިދާޅުވެފައި ވަނީ އެ ބޭންކަކީ ރާއްޖޭގެ މާއްދީ ތަރައްގީއަށް ރަމްޒުކުރާ ތަނެއްގެ ގޮތުގައި ކަމަށް ޝަރީފް ވިދާޅުވި އެވެ. އެގޮތުން ރައީސް މައުމޫންގެ ވާހަކަފުޅުން އިޝާރާތް ކުރައްވާފައި ވަނީ މާލީ އިދާރާއެއް ނެތް ތަނެއްގައި އިގްތިސާދީ ކުރިއެރުން ހުއްޓުމަކަށް އަންނާނެ ކަމަށާއި، މަސައްކަތްތެރިކަން ކުރިޔަށް ގެންދިޔުމުގެ މަގުތައް ބެދިފައި ހުންނާނެ ކަމަށެވެ. އަދި ބީއެމްއެލްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ވިޔަފާރިއަށް ވަރަށް ގިނަގުނަ ތަރައްގީ އަންނާނެ ކަމަށް ވެސް އެ ދުވަހު ވިދާޅުވި ކަމަށް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ، ދިވެހިންގެ ބޭންކެއް ދިވެހިންނާ ހަމަޔަށް ގެނައުމުގެ ބޭނުމަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދައިދިނުމާއި މުޅި ރާއްޖޭގެ މާއްދީ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ދެމިއޮތުން ކަމަށެވެ. އެ ބޭންކު އުފެއްދި ދުވަސްވަރު ބިދޭސީންނާ ގުޅުނީ ހަމައެކަނި ތަޖުރިބާ ހޯދުމަށް ކަމަށާއި، ނަމަވެސް 43 އަހަރު ފަހުން މިއަދުގެ ހާލަތަށް ބަލާއިރު ދިވެހި މުވައްޒަފުންގެ ފެންވަރު ވަރަށް ބޮޑަށް ކުރިއަރާފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.