ޅ. އޮޅުވެލިފުށީގައި އޭޓީއެމް ގާއިމުކުރުން - - ފޮޓޯ: ބީއެމްއެލް

ޅ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކޮށްފި

އާއިޝަތު އަނާ ރަޝީދު
 
29 ދުވަސް ކުރިން

ބޭންކް އޮފް މޯލްޑިވްސްއިން ކުރިއަށްގެންދާ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" ޕްރޮގްރާމްގެ ދަށުން، ޅ. އޮޅުވެލިފުށީގައި އަމިއްލައަށް ފައިސާ ނެގޭ އޭޓީއެމްގެ ޚިދުމަތް ފެށުމާއެކު، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ޚިދުމަތް ލިބެން ފަށައިފިއެވެ.

އޮޅުވެލިފުށީގައި އޭޓީއެމް ޚިދުމަތް ތަޢާރަފްކުރުމުގެ ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުނެވެ. މި ރަސްމިއްޔާތުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް، ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު ޢަލީ ޙަބީބް، އަދި ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފްގެ އިތުރުން އެހެނިހެން އިސް ވެރިން ބައިވެރިވެވަޑައިގަތެވެ.


ބީއެމްއެލްގެ ސީއީއޯ ޝަރީފް ހާމަކުރެއްވި ގޮތުގައި، އޮޅުވެލިފުށީގައި އޭޓީއެމް ޤާއިމްކުރެވުމާއެކު، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭންކުން ކަނޑައަޅާފައިވާ ލަނޑުދަނޑި ވަނީ ޙާޞިލްވެފައެވެ. އަދި މިއީ ޚާއްޞަ ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރައްވައި، ހއ. ތުރާކުނުން ފެށިގެން މާލެއާ ހަމައަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ޤާއިމްކުރުމުގެ އަމާޒު ވެސް ވަނީ ޙާޞިލްވެފައިކަމަށް ވިދާޅުވިއެވެ.


ބީއެމްއެލްއިން އިތުރަށް ހާމަކުރި ގޮތުގައި، މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ނެޓްވޯކެއްގެ ގޮތުގައި 20 އަތޮޅުގައި 42 ގޮފި، 193 އަމިއްލަ ޚިދުމަތުގެ ބޭންކިންގ ސެންޓަރު، އަދި 251 އޭޓީއެމްގެ އިތުރުން ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތް ޤާއިމްކޮށްފައިވެއެވެ. މި ބޭންކުގެ މައިގަނޑު މަޤްޞަދަކީ އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކަށާއި، މުޅި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.