ބީއެމްއިލް އިން ކެމްޕެއިން އިފްތިތާހުކުރުމުގެ ތެރެއިން - -

“ދިވެހީންގެ ބޭންކް - މުޅި ރާއްޖެއަށް” ކެމްޕެއިން ރައީސް އިފްތިތާހުކޮށްފި

އާއިޝަތު އަނާ ރަޝީދު
 
12 ދުވަސް ކުރިން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް.) ގެ ކޯޕަރޭޓް ކެމްޕޭނެއް ކަމުގައިވާ "ދިވެހީންގެ ބޭންކް - މުޅި ރާއްޖެއަށް" ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ. މި ކެމްޕޭން އިފްތިތާޙުކޮށްދެއްވީ މިއަދު ހެނދުނު ބާސެލޮސް ނަސައްނަދުރާގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.


މި ރަސްމިއްޔާތަކީ ބީ.އެމް.އެލް.ގެ ކޯޕަރޭޓް ކެމްޕޭން އިފްތިތާޙުކުރުމުގެ އިތުރުން، ބައެއް އައު އުފެއްދުންތައް ތަޢާރަފުކުރުމަށާއި، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމުކުރުމުގެ ބޮޑު މަޝްރޫޢު ނިމުމަކަށް އައިސްފައިވާކަން ފާހަގަކުރުމަށް ބޭއްވި ހަފުލާއެކެވެ. މި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބީ.އެމް.އެލް.ގެ ކޯޕަރޭޓް ކެމްޕޭން "ދިވެހީންގެ ބޭންކް - މުޅި ރާއްޖެއަށް" އިފްތިތާޙުކޮށްދެއްވުމުގެ އިތުރަށް، ބޭންކުން އަލަށް ތަޢާރަފުކުރާ ޑިޖިޓަލް ވޮލެޓްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.


މީގެ އިތުރުން، އެ ހަފުލާގައި ބީ.އެމް.އެލް. އިން ވަނީ އެސް.އެމް.އީ. ޑިވެލޮޕްމަންޓް ފައިނޭންސިންގ ކޮމްޕެނީ (އެސް.ޑީ.އެފް.ސީ.) ގެ މައިގަނޑު ހިއްސާ ބޭންކުން ހޯދުމަށްފަހު، އެ ކުންފުނި ރީބްރޭންޑްކޮށްފައެވެ. އަދި ބޭންކުން އަލަށް ތަޢާރަފުކުރާ ވިސާ ޕްލެޓިނަމް އެމެރިކާ ޑޮލަރު ކާޑު ވެސް މި ރަސްމިއްޔާތުގައި އިފްތިތާޙުކުރިއެވެ. މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތާ ގުޅިގެން، ބޭންކަށް ލިބިފައިވާ "އައުޓްސްޓޭންޑިންގ އެޗީވްމަންޓް އޮފް ދަ އިޔަރ އިން ފައިނޭނަޝިއަލް އިންކްލޫޝަން" އެވޯޑުގެ ވާހަކަ ވެސް މި ހަފުލާގައި ފާހަގަކުރެވުނެވެ.


ވޭތުވެދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި 20 އަތޮޅުގެ 105 ރަށެއްގައި ބީ.އެމް.އެލް.ގެ އޭ.ޓީ.އެމް. ބަހައްޓާފައިވާކަން ފާހަގަކުރެވުނު މި ހަފުލާގައި، އެ މަސައްކަތުގައި ހަރަކާތްތެރިވި ޓީމުގެ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ފިލާ އެރުވައި، އެ ފަރާތްތަކުގެ އަގުވަޒަންކުރައްވާފައެވެ.


މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިސްކަމާއި އެހީތެރިކަން ފާހަގަކުރުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް އެރުވިއެވެ. މި ފިލާ އެރުވީ، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭ.ޓީ.އެމް. ޚިދުމަތް ޤާއިމުކޮށް، ހުރިހާ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތައް ގާތުން ފޯރުކޮށްދިނުމަށް އެ މަނިކުފާނު އިސްނަންގަވައިގެން ފެއްޓެވި މަޝްރޫޢު ކާމިޔާބުކުރުމަށް ދެއްވި އެހީތެރިކަން ބަލައިގަތުމުގެ ގޮތުންކަމަށް ބޭންކުން ބުނެފައިވެއެވެ.