އެމްޕީއެލް - -

މާރާމާރީ ހިންގި ދެ ބިދޭސީން ޑީޕޯޓް ކުރަނީ

އާއިޝަތު އަނާ ރަޝީދު
 
15 ގަޑިއިރު ކުރިން

ރޭ މާލޭގައި ހިނގި މާރާމާރީއެއްގައި ބައިވެރިވި ދެ ބިދޭސީން ރާއްޖެއިން ފޮނުވާލުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކުރުމަށް ފުލުހުން ނިންމައިފިއެވެ.

ފުލުހުން ދިން މައުލޫމާތުގައިވާ ގޮތުން، އަސުރުމާ ގޯޅީގައި ހިނގި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭ 19:11 ގައެވެ. މި މާރާމާރީގައި އެއް ބިދޭސީއަކަށް ބޮޑެތި އަނިޔާތަކެއް ލިބި، ބޯ ފެޅިފައިވާތީ އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު، މާރާމާރީގައި ބައިވެރިވި ދެ ފަރާތް ވެސް ވަނީ ފުލުހުންގެ ހައްޔަރަށް ގެންގޮސްފައެވެ.

މި ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ފެތުރިފައިވާއިރު، އޭގައި ދައްކާ މަންޒަރުތަކުން ފެންނަނީ ދެ ބިދޭސީން ގަދަބަދަވެ، އެއް ބިދޭސީއަކު އަނެއް ބިދޭސީގެ ބޮލަށް އެއްޗަކުން ޖަހާ މަންޒަރެވެ. އަދި އެ ހާދިސާ ހުއްޓުވަން އެހެން ބަޔަކު މަސައްކަތްކުރާ މަންޒަރާއި، އެކަކަށް ލިބުނު އަނިޔާގެ ސަބަބުން ލޭއޮހޮރޭ މަންޒަރު ވެސް ފެނެއެވެ.

ފުލުހުން މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާއިރު، ފާހަގަކުރެވެނީ ފަހަކަށް އައިސް ބިދޭސީންގެ މެދުގައި މިފަދަ މާރާމާރީތައް އިތުރުވެ، ބައެއް ފަހަރު ނުރައްކާތެރި އަނިޔާތައް ލިބެމުންދާކަމެވެ.