ބޮޑު ޚިޔާނަތުގެ ދެ މޭސްތިރިން --

2 ބިލިއަންގެ ޚިޔާނާތް: ހާމަވީ ބާރު އަތުވުމުން ވެރިންގެ ބިރެއް ލަދެއް ނެތްކަން!

އާއިޝަތު އަނާ ރަޝީދު
 
2 ދުވަސް ކުރިން

މިއަދު ދިވެހިރާއްޖެ ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތައް އެންމެ އިސް ސަފުގައި ހިމެނެއެވެ. މި ނުރައްކާތެރި ވަބާގެ ސަބަބުން ޖުމްހޫރީ ނިޒާމުގެ މުއައްސަސާތަކުގެ ބާރު ދަށްވެ، ސަރުކާރުގެ މުދަލާއި ފައިސާ ބޭކާރުވެ، ގައުމުގެ ކުރިއެރުމަށް ހުރަސްތައް ކުރިމަތިވަމުންދާކަމީ ރައްޔިތުންގެ ލޯ ކުރިމަތިން މިއަދު ފެންނަން ހުރި މަންޒަރތަކެކެވެ.

ގިނަ އަހަރުތަކެއް ވަންދެން، އިސް މަގާމުތަކުގައި ތިބޭ މީހުން އަމިއްލަ ފައިދާއަށްޓަކައި މަގާމުގެ ބާރު ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ މަންޒަރު އާންމު ރައްޔިތުންނަށް ފެނި އެކަމުން ޤައުމަށް ގެއްލުންވީ ނަމަވެސް ފަހަކަށް އައިސް ރާއްޖޭގައި ފެންމަތިވެފައިވާ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ކަންބޮޑުވުން ވަނީ އިތުރަށް ފުންވެ އިތުރުވެފައެވެ.

ފަހަކަށް އައިސް އާންމުވި މައްސަލަތަކާ ހަމައަށް، ދިވެހިރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލައަކީ އެމްއެމްޕީއާރުސީގެ މައްސަލައެވެ. ޓޫރިޒަމް ތަރައްޤީކުރުމަށް ރިސޯޓު ހެދުމަށް ދޫކުރެވުނު ރަށްތަކާއި ފަޅުތަކުގެ މުޢާމަލާތްތަކުން 90 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާ ވަނީ ވަގަށް ނަގާފައެވެ. މި މައްސަލައިން ޤައުމަށް ލިބުނު ސިހުމުގެ ބޮޑުކަމަކީ ހަމައެކަނި ވައްކަންކުރެވުނު ފައިސާގެ އަދަދުގެ ބޮޑުކަމެއް ނޫނެވެ. މި ބޮޑު ވައްކަމުގައި ބައިވެރިވެފައިވާ ސަރުކާރުގެ އިސް ވެރިން، މިނިސްޓަރުން އަދި ދައުލަތުގެ އިސް މަޤާމުތަކުގައި ތިބި މީހުންގެ ގިނަކަމުން ވެސް މެއެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިން ދިވެހިރާއްޖޭގެ ސިޔާސީ ދާއިރާއަށް ނުފޫޒު ފޯރާފައިވާ މިންވަރާއި، ސަރުކާރުގެ އެންމެ މަތީ ފަންތީގައި ކޮރަޕްޝަން ފެތުރިފައިވާ މިންވަރު ވަނީ ހާމަވެފައެވެ. މިއީ ޤައުމުގެ ކުރިމަގު ބިނާކުރުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ފަރާތްތަކުން ރައްޔިތުންނަށް ކޮށްފައިވާ ބޮޑު ޚިޔާނާތެއްގެ ހެއްކަކަށް ވެގެން ދިޔައެވެ.

ދާދިފަހުން ފެންމަތިވެފައިވާ ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި މާލީ އޮޅުވާލުންތަކާއި ނިޒާމީ ނަހަމަ ބޭނުންކުރުމުގެ މިންވަރުން އެމްއެމްޕީއާރުސީ މައްސަލައަށްވުރެވެސް އިންތިހާއަށް ބޮޑެވެ. ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސަޢީދުގެ މައްސަލައަކީ މިއަދު ދައުލަތުގެ ކުންފުނިތަކުގެ ކޮރަޕްޝަންގެ އެންމެ ފާހަގަކޮށްލެވޭ މިސާލަކަށް ވަނީ ވެފައެވެ. ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާއެކު ކުރެވުނު މުޢާމަލާތްތަކުގައި ނުޙައްޤު މަންފާ ހޯދައިދީ، މަސައްކަތް ނިމުމުގެ ކުރިން ފައިސާ ދޫކުރުމުގެ ހުއްދަ ދިނުމުގެ ކުށަށް ސަޢީދު ވަނީ ކޮރަޕްޝަންގެ ކުށް ސާބިތުވެ 4 އަހަރުގެ ޖަލު ޙުކުމެއް އިއްވިފައެވެ.

މި އެންމެ މައްސަލައިގައި އެކަނި ފެނަކައަށް 900,000 ރުފިޔާއަށްވުރެ ގިނަ ފައިސާގެ ގެއްލުން ވެފައިވާއިރު، ފުޅާ އޮޑިޓްތަކުން ދައްކާގޮތުގައި ބިލިއަންތަކުގެ އަދަދުން ނަހަމަ ކަންތައްތައް ހިނގާފައިވެއެވެ. ކްރިމިނަލް ކޯޓުން ސަޢީދުގެ ޢަމަލުތަކުގެ ސީރިއަސްކަން ފާހަގަކޮށް، އޭނާގެ ޙުކުމް ފުރަތަމަ އިއްވުނު 1 އަހަރާއި 7 މަހުން 4 އަހަރަށް އިތުރުކުރިއެވެ. އަދި ސަޢީދުގެ މައްޗަށް އެހެން މައްސަލަތަކެއްވެސް ދަޢުވާކުރެވެމުންދާއިރު، މިއީ ފެންމަތިވެފައިވާ ކަންތައްތަކުގެ ކުޑަ މިންވަރެއްކަން ދޭހަވެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކުރި ޚާއްޞަ އޮޑިޓް ރިޕޯޓުން 2019 އިން 2023 އާ ދެމެދު ފެނަކައިގައި ހިނގާފައިވާ ކޮރަޕްޝަނާއި ނުރަނގަޅު ހިންގުމުގެ ނުރައްކާތެރި މިންވަރު ވަނީ ހާމަވެފައެވެ. މިގޮތުން 1.4 ބިލިއަން ރުފިޔާ ވަނީ އެއްވެސް ބީލަމެއް ނެތި ޚަރަދުކުރެވިފައެވެ. އަދި 2021 އިން 2023 އަށް ފެނަކައިން ޚަރަދުކުރި 8.8 ބިލިއަން ރުފިޔާގެ ތެރޭގައި ބޭކާރު ޚަރަދުތަކާއި، ވާދަވެރިކަމެއް ނެތި ކުރެވުނު ގަތުންތަކާއި، އަގު އިތުރުކޮށްފައިވާ މުޢާމަލާތްތައް ހިމެނެއެވެ.

ފެނަކައިން ހިންގި 674 ކޮންޓްރެކްޓްގެ ތެރެއިން 439 ކޮންޓްރެކްޓް (65%) ވަނީ 1.37 ބިލިއަން ރުފިޔާގެ އަގުގައި އާންމު އިޢުލާނެއް ނުކޮށް ހަވާލުކޮށްފައެވެ. މީގެއިތުރުން، 1 ބިލިއަން ރުފިޔާއަށްވުރެ މަތީ އަގުގެ 57 ޕަވަރހައުސްއާއި އޮފީސް ޢިމާރާތުގެ މަޝްރޫޢުތައް ކޮންޓްރެކްޓް ކުރެވި، އޭގެތެރެއިން 41 މަޝްރޫޢު ނުނިމި އޮތްއިރު، އެ މަޝްރޫޢުތައް ނިންމުމަށް އިތުރު 241 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް ވެއެވެ. ހަމައެކަނި ޕަވަރހައުސް އިމާރާތްކުރުމުގެ މަޝްރޫޢުތަކަށް މާކެޓް އަގަށްވުރެ 767 މިލިއަން ރުފިޔާ އިތުރަށް ދީފައިވާކަން ފާހަގަކުރެވެއެވެ.

މި ކޮރަޕްޝަންގެ މައްސަލަތައް ހަމައެކަނި ފެނަކައަކަށް ހުދޫދުވެފައެއް ނުވެއެވެ. މޯލްޑިވްސް ގޭސްގެ ކުރީގެ އެމްޑީ އަބްދުﷲ މައުމޫން، 3ޑީއެޗް އިންޓަރނޭޝަނަލްއިން އަމިއްލަ އަދި ޢާއިލީ މަންފާއަށް ރިޝްވަތު ނެގުމުގެ ކުށަށް 12 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވުމުން، ސަރުކާރުގެ މުހިންމު ކުންފުނިތަކުގެ އިސްވެރިންގެ މެދުގައި ކޮރަޕްޝަން ފެތުރިފައިވާ މިންވަރު ވަނީ ހާމަވެފައެވެ.

މިފަދަ ބޮޑެތި ކޮރަޕްޝަންގެ ޢަމަލުތަކުގެ ސަބަބުން ޤައުމަށް ކުރިމަތިވެފައިވާ ގެއްލުންތައް ވަރަށް ނުރައްކާތެރިއެވެ. އިޤްތިޞާދީ ގޮތުން ޤައުމު ބަނގުރޫޓުވުމުގެ ހާލަތަށް ދާން މަގުފަހިވެފައިވާއިރު، މުހިންމު އަސާސީ ވަސީލަތްތައް ކަމުގައިވާ އިންފްރާސްޓްރަކްޗަރ، ޞިއްޙީ އަދި ތަޢުލީމީ ދާއިރާތަކަށް ކުރަންޖެހޭ އިންވެސްޓްމަންޓްތަކަށް ކަނޑައެޅިފައިވާ ފައިސާ ވަނީ ނަހަމަ ގޮތުގައި ބޭނުންކުރެވިފައެވެ.

ތަރައްޤީގެ ގިނަ މަޝްރޫޢުތައް ވަނީ މެދުތެރެއިން ހުއްޓިފައި ނުވަތަ އެއްކޮށް ދޫކޮށްލެވިފައެވެ. މީގެ ސަބަބުން ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތައް ނުލިބި، ދިރިއުޅުމުގެ ފެންވަރު ދަށްވެފައިވެއެވެ. މީގެއިތުރުން، ކޮރަޕްޝަން ނިޒާމީ މައްސަލައަކަށް ވެފައިވުމުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުން ވެރިންނަށް އޮންނަ އިތުބާރު ވަނީ ގެއްލިފައެވެ.

އެމްއެމްޕީއާރުސީން ފެށިގެން ފެނަކައިގެ މައްސަލައާ ހަމައަށް ތަކުރާރުވަމުންދާ ކޮރަޕްޝަންގެ ސްކޭންޑަލްތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ނަން ބައިނަލްއަޤްވާމީ މައިދާނުގައި ވަނީ ހަލާކުވެފައެވެ. މީގެ ސަބަބުން ބޭރުގެ އިންވެސްޓަރުންނާއި ތަރައްޤީގެ ބައިވެރިން ރާއްޖެއާ ދުރުވަމުންދާކަން ފާހަގަކުރެވެއެވެ.

އެމްއެމްޕީއާރުސީގެ ސްކޭންޑަލްގެ ވޭނާއި ހިތްދަތިކަން ތަޖުރިބާކުރީ މިދިވެހި ޤައުމުގެ އާއްމު ރައްޔިތުންނެވެ. އެ މައްސަލައިން ދައްކުވައިދިނީ ޤައުމުގެ އެންމެ މަތީ ފަންތީގައި ކޮރަޕްޝަން ވަނީ ކިހާ ފުންކޮށް ވަށާލާފައިކަމެވެ. އަދު ފެނަކައިގެ ކޮރަޕްޝަންގެ މައްސަލަ ހާމަވެފައިވާއިރު، މި މައްސަލައިގެ ނުރައްކާތެރިކަމާއި ގެއްލުން މާ ބޮޑުވެ ބޮއްސުންލައިގެން ގޮސްފައިވާކަމާއި މެދު ފިކުރުކުރަންޖެހެއެވެ.

ސަރުކާރާއި، ޝަރުޢީ ނިޒާމާއި، މިނިވަން މުއައްސަސާތަކުން ކުށްވެރިން ޖަވާބުދާރީ ކުރުވުމަށް ސިޔާސީ ގޮތުން ވަރުގަދަ އިރާދައަކާއި އަޚްލާޤީ ހިތްވަރެއް ދައްކަންޖެހިފައިވާކަން ކަށަވަރެވެ. އެމީހުންގެ މަޤާމު ކިތަންމެ މަތީގައި ވީނަމަވެސް މެއެވެ. މިކަމަށް ހަރުދަނާ އިޞްލާޙީ ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ، ދިވެހިރާއްޖެ މުސްތަޤުބަލުގައި ފާހަގަކުރެވިގެންދާނީ އޭގެ ޤުދުރަތީ ރީތިކަމުން ނުވަތަ ޑިމޮކްރަސީގެ އުންމީދުތަކުން ނޫނެވެ.