ފަހި ދިރިއުޅުން ކޯޕަރެޝަންގެ އިސްވެރިން - - ފޮޓޯ: އެފްޑީސީ

ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތައް ހަވާލުކުރަން ފަށައިފި

އާއިޝަތު އަނާ ރަޝީދު
 
5 މަސް ކުރިން

ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމު ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ހުޅުމާލޭގައި ތަރައްގީކުރި 4،000 ފުލެޓުތައް އެ ކޯޕަރޭޝަނުން މިއަދު ހަވާލުކުރަން ފަށައިފިއެވެ.

މީގެ ދެ ހަފުތާއެއް ކުރިން މިމަހުގެ 11ގައި އެކޯޕަރޭޝަނުން ވަނީ، ޕޯޓަލް މެދުވެރިކޮށް، ފުލެޓުތައް ވެރިފަރާތާ ހަވާލުކުރަން ފަށާފައެވެ. މި 4000 ފްލެޓްގެ ތެރެއިން ފުރަތަމަ ހަވާލު ކުރަން ނިންމާފައިވަނީ އަމާން އުދަރެސްގެ ޓަވަރު 14ގެ ފްލެޓްތަކެވެ.

https://x.com/fdc_mv/status/1972264096398795237?s=46

އޭގެ ފަހުން، މިއަދު އެފްޑީސީން ބުނީ އަމާން އުދަރެސް ޓަވަރު 14ގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޓަވަރުން އެންމެ ފުރަތަމަ ހަވާލުކުރާ ފުލެޓުގެ ތަޅުދަނޑި، އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ހަވާލުކުރައްވާފައިވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ޝަކީލް ވަނީ "އަމާން އަތްމަތީ ފޮތް" ވެސް އިފުތިތާހު ކުރައްވައިފައެވެ. އެ އަތްމަތީ ފޮތުގެ ޒަރިއްޔާއިން އަމާން ޓަވަރުތަކުގައި ދިރިއުޅޭ މީހުންނަށް މުހިންމު މައުލޫމާތުތައް ލިބޭނެ ކަމަށް އެފްޑީސީން ބުންޏެވެ.

އެ ކޯޕަރޭޝަނުން ވަނީ، ފުލެޓުތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 16:00 އާ ދެމެދު ކަމަށް ބުނެފަވެ. އަދި ތަޅުގަނޑި ހަވާލުކުރުމުގެ މަރުހަލާއާއި ހަވާލުކުރާ ދުވަސް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް އަންގަމުންދާނެ ކަމަށް ބުންޏެވެ.

ފްލެޓްތައް ހަވާލުކުރާއިރު އެ ތަންތަނުގައި މީހުން ދިރިއުޅެން ބޭނުންވާ އަސާސީ ޚިދުމަތްތައް ކަމަށްވާ, ފެނާއި ނަރުދާމާގެ އިތުރުން ކަރަންޓްގެ ޚިދުމަތް ލިބެން ހުންނާނެ ކަމަށް އެފްޑީސީން ބުނެއެވެ.

އެ ކޯޕަރޭޝަނުން ބުނީ، ފުލެޓުތަކަށް ބޮޑެތި ތަކެއްޗާއި ފަރުނީޗަރު އެރުވުމަށް ޚާއްޞަ އިންތިޒާމެއް ޕޯޓަލް މެދުވެރިކޮށް ހަމަޖައްސާފައިވާ ކަމަށެވެ. އެ ޚިދުމަތް ހޯދުމަށް، މާދަމާއިން ފެށިގެން، ޕޯޓަލް މެދުވެރިކޮށް ކުރިއާލާ ބުކިން ހެދުމުގެ ފުރުސަތު ވެސް ހުޅުވާލާނެ ކަމަށް އެފްޑީސީން ބުންޏެވެ.

އެގޮތުން، އިމާރާތުގައި ތަކެތި ބެހެއްޓުމަށް ޚާއްޞަކޮށްފައިވާ ޖާގަ ބުކްކުރުމަށްފަހު، އެ ސަރަޙައްދުގައި ތަކެތި ބެހެއްޓުމުގެ ފުރުސަތު ލިބޭނެ ކަމަށް އެފްޑީސީން ބުންޏެވެ. އެ ކޯޕަރޭޝަނުން ބުނީ ޓަވަރުތަކުގައި މީހުން އާބާދުކުރުމުގެ މަރުޙަލާ އެގޮތަށް ކުރިއަށް ގެންދިޔުމުގެ މައިގަނޑު މަގުސަދަކީ، ޢާއިލާތައް ޓަވަރަށް ބަދަލުވަމުންދާއިރު، ޓަވަރުގެ އާންމު ސަރަޙައްދުތަކުގައި ތޮއްޖެހުން ކުޑަކޮށް، ފަސޭހަ އަދި އެކަށީގެންވާ ރޭވުންތެރި ގޮތެއްގައި އެ މަސައްކަތް ކުރިއަށްގެންދިޔުން ކަމަށެވެ.

އެފްޑީސީން އަންނަނީ 4،000 ފުލެޓަށް އެއްބަސްވުން ހަދައި، ޑިޕޮސިޓްގެ ގޮތުގައި 25,000ރ. ނަގަމުންނެވެ. ފްލެޓްތައް ހަވާލު ކުރާނީ އެ ފައިސާ ދެއްކުމުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.