ކުރީގެ އެމްޑީގެ އާއިލާގެ ކުންފުނިތަކަށް 49.7 މިލިއަން ރުފިޔާގެ ކޮންޓްރެކްޓްތައް ދީފައިވޭ: އޮޑިޓް

އާއިޝަތު އަނާ ރަޝީދު
 
11 ދުވަސް ކުރިން

ދައުލަތުގެ ޔޫޓިލިޓީ ކުންފުނި ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ސައީދު ހުންނެވި އިރު އެކޯޕަރޭޝަނަށް މުދަލާއި ހިދުމަތް ހޯދަން އޭނާގެ އާއިލީ ތިން ކުންފުންޏަކަށް ޖުމްލަ 49.7 މިލިޔަން ރުފިޔާގެ ކޮންޓްރެކްޓް ދީފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.

ފެނަކައިގެ 2021-2023 ހާއްސަ އޮޑިޓަށް ފަހު އޮޑިޓާ ޖެނެެރަލް ހުސައިން ނިޔާޒީ ރޭ މެންދަމު ނެރުއްވި ރިޕޯޓްގައިވާ ގޮތުން، ސައީދުގެ އާއިލީ ތިން ކުންފުންޏަކާ އެކު މުދަލާ ހިދުމަތް ހޯދުމުގެ 92 އެއްބަސްވުމެއް، އެ މުއްދަތުގައި ހެދި އެވެ.

އެއީ ޝެލްޓާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއި ޕަަވަރޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއި ކޮރަލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ނަަމަކަށް ކިޔާ ކުންފުންޏެކެވެ. ރިޕޯޓްގައިވާ ގޮތުން މީގެ ތެރެއިން ދެ ކުންފުންޏަކީ ސައީދުގެ ޅިޔަނުންގެ ކުންފުނިތަކެވެ. އަދި އަނެއް ކުންފުންޏަކީ ޅިޔަނެއްގެ ދަރިއެއްގެ ކުންފުންޏެކެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރަކަށް އަހުމަދު ސައިދު ހުންނަވައިގެން، އެ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ކުރަމުންދާ ކަން އެންޓި ކޮރަޕްޝަން ކޮމިޝަނުން 2021 ވަނަ އަހަރު ރައީސްގެ ސަމާލުކަމަށް ގެނަ އެވެ.

އޭސީސީގެ އޭރުގެ ރައީސް މަރިޔަމް ޝިއުނާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ފެނަކައާ ގުޅިގެން ހުށަހެޅި ބައެއް މައްސަލަތައް ތަހުގީގު ކޮށްފައިވާ އިރު އަނެއް ބައި މައްސަލަތަކުގެ ތަހުގީގު ކުރިއަށް ދާ ކަމަށެވެ. މި މައްސަލަތަކަށް ބަލާއިރު "ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން ހިނގަމުންދާ ކަން ކޮމިޝަނުގެ ތަހުގީގުތަކުން ފާހަގަކުރެވިފައިވާ" ކަމަށް، ސިޓީގައި ވެ އެވެ.

އެކަމަކު، އޭރުގެ ވެރިކަން ނިންމައިލީ ފެނަކައިގެ ތެރެއިން ކުރި ކޮރަޕްޝަންގެ ތުހުމަތުތަކަށް ފިޔަވަޅެއް ނާޅަ އެވެ.