މޮލްޑިވް ގޭސްގެ ކުރީގެ އެމްޑީ - -

މޮލްޑިވް ގޭސްގެ ކުރީގެ އެމްޑީގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް ކޮށްފި

އާއިޝަތު އަނާ ރަޝީދު
 
8 ދުވަސް ކުރިން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑު (މޯލްޑިވް ގޭސް)ގެ މެނޭޖީން ޑިރެކްޓަރަކަށް ހުންނެވި، ހ. ހެންވޭރުފެހި، ޢަބްދުﷲ މައުމޫންގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ ސާބިތުވެ 12 އަހަރަށް ޖަލަށް ލާން މިއަދު ހުކުމްކޮށްފިއެވެ.

މައުމޫނާއި އޭނާގެ އާއިލީ ބައެއް މީހުންނަށް މޯލްޑިވް ގޭހުގެ ސަޕްލަޔަރެއް ކަމަށްވާ ތްރީޑީއެޗް އިންޓަނޭޝަނަލްއިން ފައިސާ ފޮނުވާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އެ މައްސަލައިގައި ރިޝްވަތު ގަބޫލުކުރުމުގެ ޖުމުލަ ހަތް ދައުވާއެއް އުފުލައިފައިވާކަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހާމަކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހެވެ.

އޭގެ ތެރެއިން ކޮންމެ ދައުވާއެއްގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ، ހަތް ދައުވާގެ ތެރެއިން ދެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ. އެހެންވެ، އޭނާއަށް ކުރީ 12 އަހަރާއި ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

މައުމޫންގެ މައްޗަށް ކޮށްފައިވާ ބާކީ ފަސް ދައުވާގެ ހުކުމް ކުރާނީ އެހެން ދުވަހެއްގައި ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވެއެވެ.

މައުމޫންގެ މައްޗަށް ރިޝްވަތުގެ ފުރަތަމަ ދައުވާ އުފުލާފައިވަނީ ޑިސެމްބަރު 10، 2013 އިން ފެށިގެން ނޮބެމްބަރު 16، 2018 އާ ހަމައަށް މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރެ އެ ކުންފުންޏަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް 2016 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ތްރީޑީއެޗް އިންޓަނޭޝަނަލްއަށް ހަވާލުކުރުމަށް ފަހު، ރިޝްވަތު ނެގިކަމުގެ ތުހުމަތުގައެވެ.

ޕީޖީ އޮފީހުން މީގެ ކުރިން ބުނީ، މޯލްޑިވްސް ގޭހުގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުޅުވާފައިހުރި އެކުންޓަށް އޭޕްރީލް 4، 2016 ގައި ތްރީޑީއެޗް އިންޓަނޭޝަލްއަށް ލިކުއިޑް ޕެޓްރޯލިއަމް ޝިޕްމަންޓެއްގެ އަގަށްވާ 634،700 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާއިރު، މައުމޫންގެ ނަމުގައި ބޭންކް އޮފް ސިލޯންގައި ހުޅުވާފައިހުރި އެކައުންޓަކަށް 29،941.50 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ.

ދެވަނަ ދައުވާ އުފުލާފައިވަނީ ޖޫން 7، 2016 ގައި ހިނގި މުއާމަލާތަކާ ގުޅިގެންނެވެ.

މި ހަތް މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އަބްދުﷲ މައުމޫނާއި އޭނާއާ ގުޅުންހުރި މީހުންނާއި ކުންފުނިތަކުގެ އެކައުންޓަށް ޖުމުލަ 298،403.5 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ދައުވާގައި ބުނެފައިވެއެވެ.