އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، 4 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.
އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ 2018 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވި އެއްބަސްވުމުގެ ދަށުން ބްލޭޒަންގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ އެ ކުންފުންޏަށް ދޫކޮށް ނާޖާއިޒު މަންފާ ހޯދައި ދިން މައްސަލައިގައެވެ.
ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، ޖަލު ހުކުމެއް އިއްވާފައިވާއިރު، އޭނާއަށް ތުހުމަތުވާ އިތުރު މައްސަލައެއް ވެސް މިވަގުތު ކޯޓުގައި އެބަ އޮތެވެ. އެއީ ފެނަކައިން އައިސްޕްލާންޓް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ގޮތަށް މުއާމަލާތް ކުރި މައްސަލައިގައި، އެ ކުންފުނީގެ ކުރީގެ ކުރީގެ ޗީފް އެކައުންޓެންޓް މުހައްމަދު މަސްއޫދާއި ސައީދުގެ މައްޗަށް އުފުލި ދައުވާއެވެ.
ބްލޭޒަން މައްސަލައިގައި ހަތަރު އަހަރަށް ސައީދު ޖަލަށްލާން ހުކުމް ކޮށްފައިވާއިރު، އޮޑިޓާ ޖެނެރަލްގެ އޮފީހުން މިދިޔަ ހަފްތާގައި ނެރުނު ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓުން ސައީދު އެމްޑީގެ މަގާމުގައި ހުންނެވި ދުވަސްވަރު ބޮޑެތި ވައްކަން ކޮށްފައިވާކަން ވަނީ ފަޅާއަރާފައެވެ. އެގޮތުން 2019 އިން 2023 އާއި ހަމައަށް ބީލަމަށް ނުލައި 1.4 ބިލިއަން ރުފިޔާ ހަރަދު ކުރުމާއި، ޖެނެރޭޓަރުތަކާއި އެހެން ކަންކަމުގައި އެތައް މިލިއަން ރުފިޔާގެ ވައްކަން ކޮށްފައިވާކަން ވަނީ ފަޅާ އަރާފައެވެ.