ފެނަކައިގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާދަމް ތައުފީގު - -

ފެނަކައަށް އައު ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރެއް އައްޔަންކޮށްފި

އާއިޝަތު އަނާ ރަޝީދު
 
14 ދުވަސް ކުރިން

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މާލީ ގޮންޖެހުންތަކާ ކުރިމަތިލަމުންދާ ދަނޑިވަޅެއްގައި، އިތުރު ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރެއް އައްޔަންކޮށްފިއެވެ. 

މި މަޤާމަށް ހޮވިވަޑައިގެންފައިވަނީ އިޤްތިޞާދީ ދާއިރާގައި ތަޖުރިބާ ލިބިވަޑައިގެންފައިވާ އާދަމް ތައުފީޤެވެ.

އާދަމް ތައުފީޤަކީ ކުރީގެ ސަރުކާރުގައި އިޤްތިޞާދީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ފަހުން ބޭއްވުނު މަޖިލިސް އިންތިޚާބުގައި ކުރެންދޫ ދާއިރާއިން ޕީޕީއެމް/ޕީއެންސީ ޓިކެޓްގައި ވާދަކުރެއްވި ނަމަވެސް، ކާމިޔާބުނުވާކަން ފާހަގަކުރެވެއެވެ.

މި އައްޔަންކުރެއްވުމާއެކު، ފެނަކަ ކޯޕަރޭޝަންގައި މިހާރު ދެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން ތިއްބަވާނެއެވެ. އޭގެ ތެރޭގައި ކުރިން މި މަޤާމުގައި ހުންނެވި މުޙައްމަދު އާރިފް ވެސް ހިމެނިވަޑައިގަންނަވައެވެ.

ފެނަކަ ކޯޕަރޭޝަންގެ މާލީ ހާލަތު ދަށްވެފައިވާކަން ފާހަގަކުރެވެއެވެ. މުވައްޒަފުންގެ އަދަދު އެކަށީގެންވާ ވަރަށްވުރެ އިތުރުވެ، ދަރަނި ހަތަރު ބިލިއަން ރުފިޔާއަށް އަރާފައިވާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، ކުރީގެ ސަރުކާރުތަކުން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ ޢަމަލުތަކުގެ ސަބަބުން ކުންފުނީގެ މާލީ ހާލަތު އިތުރަށް ގޯސްވެފައިވާކަން ފާހަގަކުރެވެއެވެ.