ފަސްދޮޅަހަށްވުރެ ގިނަ ޓީމާއެކު "މައި ހުޅުމާލެ" މަސްރޭސް މާދަމާރޭ ހުޅުމާލޭގައި ފެށުމަށް ތައްޔާރުވެއްޖެއެވެ. މިއީ، ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފާހަގަކުރުމަށް، އެޗްޑީސީއާއި އުރީދޫ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
ހުޅުމާލޭގެ އަހަރީ ދުވަހާ ގުޅިގެން ބޮޑެތި ފައިސާގެ އިނާމުތައް ލިބޭގޮތަށް މަސް ރޭހެއް ބޭއްވުމަށް ނިންމައި، މި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އޮންލައިންކޮށް ރަޖިސްޓްރީ ވުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 64 ޓީމަކުން ވަނީ ފޯމު ހުށަހަޅާފައެވެ.
އެގޮތުން، މި މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ 15 މެއި 2025 ގަ އެވެ. ހުޅުމާލޭގެ ފެރީ ޓާމިނަލް ޕާކު ކައިރިން ފަށާ މި ރޭސް ކުރިއަށްދާނީ އެ ދުވަހުގެ ހަވީރު 04:00 އިން ރޭގަނޑު 10:00 އަށެވެ.
ރޭހުގައި ބައިވެރިވެގެން އެއްވަނައަށްދާ ޓީމަކަށް 21،000ރ. ގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ނިންމާފައެވެ. އޭގެ އިތުރުން، އެންމެ ބޮޑު މަސް ބޭނޭ ފަރާތަކަށް 5،000ރ. އަދި އެންމެ މޮޅު ކެޔޮޅަށްވެސް 5،000ރ. ގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.