އއ. އުކުޅަހުން ސްޕޯޓްސް ފިޝިންއަށް ގޮސް އުޅުނު ޒުވާނުންތަކެއް 15 ކިލޯގެ މާވަހަރެއް ހޮވައިފިއެވެ.
އެ މާވަހަރު ހޮވާފައިވަނީ އިއްޔެ ހަވީރު 5:30 ހާއިރު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެ މާވަހަރު ހޯދި މީހުންގެ ތެރޭގައި ހިމެނޭ އަލީ ޝަހީމް ބުނެފައިވަނީ މަހަށް ދިޔައީ ތިން ރަހުމަތްތެރިންނާއެކު ކަމަށާއި މާވަހަރު ފެނިފައިވަނީ ކަންނެލި ބާނަންވެގެން ދޮށި އެއްލައިގެން ތިއްބާ ކަމަށެވެ.
އެ މާވަހަރު ފެނިފައިވަނީ ތޮއްޑޫއާއި ކުރަމަތި އާއި ދެމެދުގެ ހިސާބަކުން ކަމަށާއި، އެ ސަރަހައްދަކީ ވަރަށް ގިނައިން ކަންނެލި ބާނާ ސަރަހައްދެއް ކަމަށް ޝަހީމް ބުންޏެވެ.
ޝަހީމް ބުނީ އޭނާގެ ރަހުމަތްތެރިޔާއަށް އެ މާވަހަރު ފެނުނު އިރު އޮތީ އެމީހުން ތިބި ލޯންޗާ 10 ވަރަކަށް ފޫޓު ކައިރީގައި ދެފެން ދޭތެރޭގައި ކަމަށެވެ. އަދި އެ ނެގި އިރު ވަރަށް ނުބައިވަސް ދުވި ކަމަށް ވެސް ޝަހީމް ބުންޏެވެ.
ޝަހީމް ބުނީ އެއީ މާވަހަރެއްތޯ ޔަގީން ކުރުމަށް ހަދަންޖެހޭ ޓެސްޓުތައް ހެދުމަށް އެކި ފަރާތްތަކާ ވާހަކަދައްކަމުން އަންނަ ކަމަށެވެ.