ޔުނައިޓެޑް ނޭޝަންސް އޯޝަން ކޮންފަރެންސްގެ ތިން ވަނަ ބައްދަލުވުމުގައި ރާއްޖެ ތަމްސީލުކުރައްވާ އެންމެ އިސްވެރިއެއްގެ ގޮތުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ފްރާންސަށް ފުރާވަޑައިގެންފިއެވެ.
މި މަހުގެ 9 އިން 13 އަށް ފްރާންސްގެ ނީސްގައި ކުރިއަށްދާ މި ކޮންފަރެންސް ހުޅުވާ ސެޝަނުގައި ރާއްޖޭގެ ފަރާތުން ވަޒީރު ވާހަކަދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފައިވަނީ ވަޒީރުގެ ވާހަކައިގައި ރާއްޖޭގައި ކުރާ ދެމެހެއްޓެނިވި މަސްވެރިކަން ފާހަގަކުރައްވައި، ރާއްޖެ ފަދަ ކުޑަ، ޖަޒީރާ ގައުމަކުން ކަނޑުގެ ވެށި ހިމާޔަތްކޮށް، ބެލެހެއްޓުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ، މިފަދަ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކުރައްވާނެ ކަމަށެވެ.
މި ކޮންފަރެންސްގެ އެކި ސެޝަންތަކުގައި ރާއްޖެއިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. ވުޒާރާއިން ބުނީ މި ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރާނެ އެންމެ މުހިންމު އެއް ނުކުތާއަކީ ކަނޑުގެ ނާޒުކު ވެށި ރައްކާތެރިކުރުމާއެކު ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރާ ގައުމުތަކުގެ މަސައްކަތްތައް މިހާރަށް ވުރެ ބޮޑަށް ބައިނަލްއަގުވާމީ ދުނިޔެއިން ބަލައިގަތުމުގެ މުހިންމުކަމާ ގުޅޭގޮތުން ކަމަށެވެ.
މީގެ އިތުރުން، ތިމާވެއްޓާއި ކަނޑުގެ ވަސީލަތްތައް ރައްކާތެރި ކުރުމަށް ބައިނަލްއަގުވާމީ ގޮތުން ކަނޑައެޅޭ ފަންޑު އިތުރުކުރުމުގެ މުހިންމުކަމާއި، މިފަދަ ފަންޑުތައް މެދުވެރިކޮށް އެހީ ފޯރުކޮށްދިނުމުގައި ރާއްޖެ ފަދަ ތިމާވެށީގެ ގޮތުން ނާޒުކު ގައުމުތަކާއި ތިމާވެށި ރައްކާތެރި ކުރުމަށާއި ދެމެހެއްޓެނިވި ގޮތުގައި ކަނޑުގެ ވަސީލަތްތައް ބޭނުން ކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް މިހާރު ވެސް އަޅައި ތަންފީޒު ކުރަމުންދާ ގައުމުތަކަށް ހާއްސަ އިމްތިޔާޒްތަކެއް އޮންނަ ނިޒާމެއް ގާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ވަކާލާތުކުރައްވާނެ ކަމަށް ވުޒާރާއިން ބުންޏެވެ.
ވުޒާރާއިން ބުނީ ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަކީ މުޅި ދުނިޔޭގައި ވެސް ކުރެވޭ ތިމާވެއްޓާ އެންމެ ރައްޓެހި މަސްވެރި ކަމަށް ވީއިރު، މަހުގެ ބާވަތްތައް އެކްސްޕޯޓްކުރާ ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން ޓެރިފްގެ އެންމެ ބޮޑު ބުރައެއް އުފުލަން ޖެހޭ އެއް ގައުމަކީ ރާއްޖެ ކަމަށެވެ. އެކަމުގެ ސަބަބުން މަހުގެ ވިޔަފާރީގައި އެއްހަމައެއްގައި ވާދަކުރުމަށް ރާއްޖެއަށް ހުރި ގޮންޖެހުންތައް ވެސް މި ކޮންފަރެންސްގައި ބަޔާންކޮށްދެއްވާނެ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ. އަދި މަހުގެ ބާވަތްތަކުގެ ޓެރިފް ކަނޑައެޅުމުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރާ މަސްވެރިކަން ޕްރޮމޯޓް ކުރުމަށް ބާރު ލިބޭ ގޮތަށް ޓެރިފް ކަނޑައެޅިގެން ދިއުމުގެ މުހިންމުކަން ބައިނަލްއަގުވާމީ ފެންވަރުގައި ސަމާލުކަމަށް ގެނައުމަށް ވަކާލާތު ކުރައްވާނެ ކަމަށްވެސް ވުޒާރާއިން މައުލޫމާތުދީފައިވެއެވެ.
މި ކޮންފަރެންސްގެ ތިންވަނަ ބައްދަލުވުމުގެ ހަވާސާގައި ރާއްޖެއިން އިސްނަގައިގެން ހާއްސަ ސެޝަނެއް ބޭއްވުމަށް ވެސް ވަނީ ތާވަލުކޮށްފައެވެ. އެ ސެޝަންގައި ރާއްޖެ ފަދަ ގައުމުތަކުގައި ކުރާ ކުދި ފަންތީގެ މަސްވެރިކަމަކީ ރާވައި، ހިންގައި، ބެލެހެއްޓޭ ނިޒާމެއްގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރެވޭ މަސްވެރިކަމެއްކަން ޔަގީންކުރުމަށް ގައުމީ ފެންވަރުގަ އާއި ބައިނަލްއަގުވާމީ ފެންވަރުގައި އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ދާއިރާގެ ފަންނީ ބޭފުޅުންގެ ހުށަހެޅުންތަކާއެކު ފުޅާދާއިރާއެއްގައި މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.