ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސްވެރިކަމުގެ ތަސައްވުރާ އެއްގޮތަށް، މި އަހަރު ނިމެންވާއިރަށް މުޅި މަސްވެރިކަމުގެ ވެލިއު ޗެއިން ފުރިހަމައަށް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޔުނައިޓެޑް ނޭޝަންސް އޯޝަންސް ކޮންފަރެންސްގެ ތިންވަނަ ބައްދަލުވުމުގެ ހަވާސާގައި އެންވަޔަރަމަންޓަލް ޖަސްޓިސް ފައުންޑޭޝަން (އީޖޭއެފް) އިން ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ މަސްވެރިކަން ޑިޖިޓަލައިޒްކޮށް ބަދަލުކުރުމަށް ރާއްޖެއިން ގިނަ ފިޔަވަޅުތަކެއް އަޅަމުންގެންދާ ކަމަށެވެ. އެގޮތުން އުޅަނދުފަހަރުގެ މިލްކުވެރިކަމުގެ މައުލޫމާތު ފުރިހަމައަށް ބެލެހެއްޓޭނެ ގޮތާއި، ހާމަކަން ބޮޑުގޮތެއްގައި އުޅަނދުގެ ވެރިފަރާތުގެ މައުލޫމާތު އާންމުންނަށް ލިބޭނެ ގޮތް ކަށަވަރުވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އިތުބާރު ކުރެވޭ، އަދި ރަނގަޅަށް ބެލެހެއްޓޭ ޑޭޓާއަކީ އަޅުގަނޑުމެން އަތުގައި ހުރި އެންމެ ވަރުގަދަ ވަސީލަތް ކަމަށާއި އެއީ ގާނޫނުތައް ތަންފީޒުކުރުމަށާއި ހުރިހާ ސްޓޭކްހޯލްޑަރުންގެ މެދުގައި އިތުބާރު އުފެއްދުމަށް ވެސް އޮތް ވަސީލަތެއް ކަމަށެވެ.
މީގެ އިތުރުން ބައިނަލްއަގުވާމީ އޮނިގަނޑުތައް ކާމިޔާބު ކުރެވޭނީ ބާރުގަދަ ގައުމުތަކުގެ ތާއީދު ލިބިގެން ކަމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކުރާ މަސްވެރިކަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެއިން ނަމޫނާ ދައްކާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.