ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ސޮއިކުރެއްވި މީޑިއާ ބިލުގެ ސަބަބުން މުޖުތަމައުއަށް ދޮގު މައުލޫމާތު ފެތުރުމުން ސަލާމަތްތެރިކަން ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ، މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އެކްސް ޕްލެޓްފޯމްގައި ސައީދު ހިއްސާކުރެއްވި ޕޯސްޓެއްގައި ފާހަގަކުރައްވާފައިވަނީ، ހަރުދަނާ އިޤްތިޞާދެއްގެ ބިންގަލަކީ އިތުބާރު ކަމަށާއި، މި އައު ޤާނޫނުގެ ސަބަބުން އާންމު ރައްޔިތުންނާއި، ވިޔަފާރިތަކާއި، މުޅި މުޖުތަމައު ދޮގު ޚަބަރުތަކުން ހިމާޔަތްކުރެވި، ހަމަހަމަ މީޑިއާގެ ވެއްޓެއް ގާއިމުވެގެންދާނެ ކަމަށެވެ.
ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން މި ބިލު ތަސްދީގު ނުކުރުމަށް ގޮވާލަމުންދިޔަ ވަގުތެއްގައި ވެސް ރައީސް މުއިއްޒު ވަނީ މި ބިލުގައި ސޮއިކުރައްވާފައެވެ.
މި ބިލު ތަސްދީގު ކުރެއްވުމާ ގުޅިގެން މޯލްޑިވްސް ޖަރނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ މިއީ ޤާނޫނުއަސާސީއާ ފުށުއަރާ ބިލެއްކަން ފާހަގަކޮށް، ނޫސްވެރިންނަށް މިކަމުން ބިރުވެރިކަމެއް ނުފެންނާނެކަން ހާމަކޮށްފައެވެ.
އެމްޖޭއޭއިން ދެކޭގޮތުގައި މިއީ ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އަމާޒުކޮށް ދެވުނު ހަމަލާއެކެވެ. އަދި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން މީޑިއާގެ މައްޗަށް ބާރު ހޯދުމަށް ކުރާ މަސައްކަތްތައް އެ ޖަމިއްޔާއިން ވަނީ ކުށްވެރިކޮށްފައެވެ.
އެމްޖޭއޭއިން އިތުރަށް ހާމަކޮށްފައިވަނީ، މި ޤާނޫނާ ދެކޮޅަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަށްޓަކައި ނޫސްވެރިންނާއި މަދަނީ ޖަމިއްޔާތަކާއެކު މަޝްވަރާކުރަމުންދާ ކަމަށެވެ.