ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ބައްދަލުވުންތައް އަޑުއަހަން ވަަންނަ މީހުން މަޖިލީހުގެ މަސައްކަތަށް ހުރަސް އަޅާނަމަ ފިޔަވަޅު އެޅޭ ގޮތަށް ގަވާއިދު ބަދަލުކުރަން މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ އާއްމު ކޮމިޓީއަށް ހުށަހަޅައިފިއެވެ.
މިއަހަރުގެ ދެވަނަ ދައުރަށްފަހު ޗުއްޓީގައި އޮތް މަޖިލީހުން، މީޑިއާ ބިލް ފާސްކުރަން އިއްޔެ ބޭއްވި ދައުރުން ބޭރު ހަތް ވަނަ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ އެ ބިލުގެ މަސައްކަތް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ކުރިއިރު ކޮމެޓީ އަޑުއަހަން ވަން ބައެއް މީހުން މަޖިލީހުގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ.
އެމީހުން މަޖިލީހުގެ ކަރާމަތަށް އުނިކަން އަންނަ ގޮތަށް އަމަލުކޮށް، އަހުލާގީ މިންގަނޑުތަކާ ހިލާފަށް އަމަލުކޮށްފައިވާތީ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް އެކަމާބެހޭ ރިޕޯޓެއް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީޑިއާ ބިލް ދިރާސާ ކުރިއިރު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަޑުއަހަން ގިނަ އަދަދެއްގެ ނޫސްވެރިން އެ ބައްދަލުވުމަށް ވަދެ، އެ ބިލު ފާސްކުރުމާ ދެކޮޅަށް ދެ ފަހަރެެއްގެ މަތިން އަޑުއުފުލި އެވެ. ސާޖަންޓް އެޓްއާމްސްްގެ ރިޕޯޓަކާ ހަވާލާ ދެއްވައި ނާޒިމު އެ ދެއްކެވީ ބެލެވޭ ގޮތުގައި އެ ވާހަކަ އެވެ.
"އެކަން މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ އާއްމުކޮމިޓީ އަށް ފޮނުވަން ގަސްދުކުރަން. އެއީ މިފަދަ ކަމެއް ކުރިމަގުގައި ތަކުރާރުނުވާނެ ގޮތަށް މަޖިލީހުގެ ގަވައިދު އިސްލާހު ކުރުމަށާއި މަޖިލީހުގެ މެހުމާނުންގެ ގޮތުގައި ހާޒިރުވާ ފަރާތްތަކުން އަމަލުކުރަން ޖެހޭނެ އުސޫލު ކަނޑައަޅައި، އެކަންކަމަށް، ހާޒިރުވާ ފަރާތްތަކުން ހިލާފުވެއްޖެ ނަމަ އަޅާނެ ފިޔަވަޅުތައް މަޖިލީހުގެ ގަވައިދުގައި ބަޔާންކުރުމަށް އާއްމު ކޮމިޓީއަށް ދެވޭ އިރުޝާދެއް،" ނާޒިމް ވިދާޅުވި އެވެ.
ދައުރުން ބޭރުން ބޭއްވި ޖަލްސާއެއްގައި މީޑިއާ ބިލު ފާސް ކުރިއިރު މަޖިލިސް ކައިރީ ނޫސްވެރިން އިއްޔެ ގެންދިޔައީ މުޒާހަރާ ކުރަމުންނެވެ.