މީޑިއާ ބިލުގައި ޤާނޫނުއަސާސީއާ ފުށުއަރާ އެއްވެސް މާއްދާއެއް ނުހިމެނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް އަލްއުސްތާޛާ ފާތިމަތު ފިލްޒާ ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އެކަމަނާ ހުށަހެޅުއްވި އިސްލާހުތަކާއެކު ބިލު ވަނީ ފާސްކުރެވިފައެވެ.
ކައުންސެލް ޖެނެރަލް އިތުރަށް ވިދާޅުވީ، މި ބިލުގެ ސަބަބުން ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެސް ޙައްޤަކަށް އުނިކަމެއް ނާންނާނެ ކަމަށެވެ. ނަމަވެސް، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ޙަންނާނު އަބޫބަކުރު ހުށަހެޅުއްވި މި ބިލާ ދެކޮޅަށް ގިނަ ނޫސްވެރިން ވަނީ އިހުތިޖާޖުކޮށްފައެވެ.
މި މަހުގެ ފުރަތަމަ ދުވަހު ބޭއްވުނު ކޮމިޓީ ބައްދަލުވުމުގައި ނޫސްވެރިން ވަނީ އެމީހުންގެ ކަންބޮޑުވުންތައް ފާޅުކޮށްފައެވެ.
150 އަށްވުރެ ގިނަ ނޫސްވެރިންގެ ސޮއި ހިމެނޭ ޕެޓިޝަނެއް މޯލްޑިވްސް ޖަރނަލިސްޓްސް އެސޯސިއޭޝަނުން ވަނީ މަޖިލީހަށާއި ރައީސް އޮފީހަށް ހުށަހަޅާފައެވެ. އެހެންނަމަވެސް މިއަދު މެންދުރު އެކެއްގައި ބޭއްވުނު ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގައި އެ ޕެޓިޝަން ވަނީ ބޭރުކޮށްލާފައެވެ. ސަރުކާރުން ވަނީ ބިލަށް 14 އިސްލާހެއް ހުށަހަޅާފައިވާއިރު، މި އިސްލާހުތަކާއެކު މައިގަނޑު ކަންބޮޑުވުންތަކަށް ހައްލު ލިބޭނެކަމަށް ބުނެފައެވެ. ބައެއް ނޫސްވެރިން ވެސް މިހާރު ބިލު އޮތްގޮތަށް ފާސްކުރުމަށް ތާއީދުކުރާކަން ފާޅުކޮށްފައިވެއެވެ.