- މިމަހުގެ ކުރީކޮޅު އަމަލުކުރަން ފެށި މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން އުފެއްދި މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރުން އިންތިހާބުކުރުމުގެ ގަވާއިދު، އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ގެޒެޓްކޮށްފި އެވެ.
ގަވައިދުގައިވާ ގޮތުން މީޑިއާ ކޮމިޝަނަށް މީޑިއާތަކުން އައްޔަންކުރާ މެންބަރުންގެ އިންތިހާބަށް ހުޅުވައިލުމުން، އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލާން ލިބޭނީ 10 ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ކުރިމަތިލާ ފަރާތްތަކަށް، އިންތިހާބުގައި ވާދަކުރެވޭކަން ނުވަތަ ނޫންކަން އީސީން 48 ގަޑިއިރުގެ ތެރޭގައި އަންގަން ޖެހެ އެވެ.
މީޑިއާގެ ފަރާތުން އައްޔަންކުރާ ހަތަރު މެންބަރުންގެ ތެރެއިން ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުން ހޮވަން ވޯޓުދެވޭނީ ބްރޯޑްކާސްޓަރުންނަށް އެކަންޏެވެ. އަދި މީޑިއާތަކުން ދެން ހޮވާ މެންބަރުން އިންތިހާބުކުރުމަށް ބްރޯޑްކާސްޓަރުންނަކަށް ވޯޓެއް ނުދެވޭނެ އެވެ.
އިންތިހާބުގައި ވޯޓުލާން ކޮންމެ މީޑިއާއަކުން ފޮނުވޭނީ އެކަކެވެ.
ގަވައިދުގައިވާ ގޮތުން، މީޑިއާ ކޮމިޝަނުގެ އިންތިހާބުގައި ވޯޓުލެވޭ މީޑިއާތަކުގެ ލިސްޓެއް އީސީން އާއްމުކުރާނެ އެވެ. އެ ލިސްޓަށް ޝަކުވާ ހުށަހަޅަން މީޑިއާތަކަށް ފުރުސަތު ދޭނެ އެވެ. ލިސްޓް ފައިނަލް ކުރާނީ ހުށަހަޅާ ޝަކުވާތައް ބެލުމަށް ފަހުގަ އެވެ.
މީގެ އިިތުރުން ވެސް މީޑިއާ ކޮމިޝަން އުފެއްދި ގާނޫނުގައި ބުނާ ގިނަ ކަންތައްތަކެއް ގަވައިދުގައި ހިމަނާފައިވެ އެވެ.
މީޑިއާ ރެގިއުލޭޝަން ގާނޫނު ފާސްކުރުމުގެ މަރުހަލާގައި، އެ ގާނޫނު ބިލެއްގެ ގޮތުގައި އޮތް އިރު ގިނަ އަދަދެއްގެ ނޫސްވެރިން އެ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖު ވެސް ކުރި އެވެ. ފާސްކުރި ފަހުން، އެ ބިލް ތަސްދީގު ނުކުރައްވަން، ނޫސްވެރިން ރައީސް ޑރ.މުހައްމަދު މުއިއްޒަށް އިލްތިމާސް ވެސް ކުރި އެވެ.