ފުލުހުންގެ ސައިކަލެއްވެސް ހިމެނޭހެން ތިން ސައިކަލަކާއި ބަހެއް ޖެހި، ބްރިޖް ހައިވޭގައި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ އެކްސިޑެންޓު ހިނގީ މިރޭ 21:36 ހާއިރު ކަމަށެވެ.
އެކްސިޑެންޓު ހިނގީ ބާރަށް ދުއްވި ސައިކަލެއް، ސައިކަލަކާއި ބަހަކާ ދެމެދުން އޯވާޓޭކް ކުރަން އުޅުމުގެ ތެރޭ ސައިކަލުގައި ޖެހިގެންނެވެ.
އެއާއެކު ބަހުގެ މެދާ ދިމާއަށް ސައިކަލު ދަށުވީއެވެ. އަދި އޯވާޓޭކް ކުރަން އުޅުނު ސައިކަލު، ޕެޓްރޯލްކުރަން ދުއްވި ފުލުހުންގެ ސައިކަލެއްގައި ޖެހުނީކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓުގައި މަޑުން ދުއްވި ސައިކަލު ފަހަތުގައި އިން 15 އަހަރުގެ ކުޑަކުއްޖަކަށް އަނިޔާވުމުގެ އިތުރަށް އެ ދުއްވަން އިން މީހާއަށް އަނިޔާވިއެވެ.
އަދި ބާރަށް ސައިކަލު ދުއްވި މީހާއަށް ވެސް އަނިޔާވިއެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބެއެވެ.
ބާރަށް ދުއްވި ސައިކަލު ޓޯކޮށް، ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.