ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ހަފުތާގެ ތެރޭގައި މާލެއާއި ސިނަމާލެ ބުރިޖު ހިމެނޭ ގޮތަށް ޖުމްލަ 54 އެކްސިޑެންޓެއް ހިނގާފައިވާއިރު، އޭގެ ސަބަބުން 8 މީހަކަށް އަނިޔާ ލިބިފައިވެއެވެ.
މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ހިނގި އެކްސިޑެންޓުތަކުގެ ތަފުސީލު ފުލުހުން ވަނީ ހާމަކޮށްފައެވެ. އެ ހިސާބުތަކަށް ބަލާއިރު، އެކްސިޑެންޓުތައް އެންމެ ގިނައިން ހިނގާފައި ވަނީ މާލޭ ސަރަހައްދުގައެވެ. މާލޭގައި 47 އެކްސިޑެންޓު ހިނގިއިރު، ސިނަމާލެ ބުރިޖުގައި ހިނގާފައި ވަނީ 7 އެކްސިޑެންޓެވެ.
ޖުމްލަ 54 އެކްސިޑެންޓުގެ ތެރެއިން އެންމެ ގިނައިން އެކްސިޑެންޓު ހިނގާފައި ވަނީ މިދިޔަ ހޯމަ ދުވަހު (13 އެކްސިޑެންޓު) އެވެ. އާދިއްތަ ދުވަހު 12 އެކްސިޑެންޓު ހިނގާފައިވެއެވެ. މި ހާދިސާތަކުގެ ތެރޭގައި ސީރިއަސް ތިން އެކްސިޑެންޓާއި 51 ކުދި އެކްސިޑެންޓު ހިމެނެއެވެ. އަދި، މި އެކްސިޑެންޓުތަކުގެ ސަބަބުން 43 އުޅަނދަކަށް ގެއްލުން ލިބިފައިވެއެވެ.
އެކްސިޑެންޓުތައް ގިނައިން ހިނގާފައި ވަނީ ދުވާލުގެ ވަގުތުތަކުގައެވެ. ދުވާލު 43 އެކްސިޑެންޓު ހިނގިއިރު، ރޭގަނޑު ހިނގާފައި ވަނީ 11 އެކްސިޑެންޓެވެ. އެކްސިޑެންޓުތައް ހިނގި ގޮތްތަކަށް ބަލާއިރު، އެންމެ ގިނައީ ސައިކަލާއި ކާރު ޖެހިގެން ހިނގި އެކްސިޑެންޓުތަކެވެ (15). ސައިކަލުތައް އެކަކު އަނެކަކާ ޖެހިގެން 13 އެކްސިޑެންޓު ހިނގާފައިވެއެވެ.
ފުލުހުން މި ތަފާސްހިސާބުތައް އާންމުކޮށްފައިވާއިރު، ދޭތެރެއަކުން ނުރައްކާތެރި އެކްސިޑެންޓުތަކުގައި މީހުން މަރުވާ ހާދިސާތައް ހިނގައެވެ. މިގޮތުން، މިދިޔަ ހޯމަ ދުވަހު ވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ސައިކަލު ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ވަނީ މަރުވެފައެވެ.